ބެއިޖިންގް (ޖުލައި 10) : އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރިމަތިލުމެއް ހިނގުމަކީ އެދެގައުމުގެ އިތުރުން މުޅި ދުނިޔެއަށް ވެސް ކުރިމަތިވެގެންދާނެ ކާރިސާއެއް ކަމަށް ޗައިނާގެ ރައީސް ޝީޖިންޕިން ސިފަކުރައްވައިފި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގްގައި އިއްޔެ ފެށި އެ ދެ ގައުމުގެ އިގްތިސާދީ އަދި ސްޓްރެޓީޖިކް ވާހަކަތަކާ ބެހޭ އަހަރީ ބައްދަލުވުމުގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޝީޖިންޕިން ވިދާޅުވީ އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރިމަތިލުމެއް ހިނގުމަށް ބައިނަލްއަގްވާމީ މުޖްތަމައުން ނޭދޭނެ ކަމަށާއި އެދެގައުމުން ވެސް ބޭނުން ވަނީ އިގްތިސާދީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ގުޅުންތައް ރަނގަނޅު ކުރުމަށް ކަމުގަ އެވެ. މި ބައްދަލުވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ޗައިނާގެ ރައީސް ޝީޖިންޕިން ފޮނުއްވި ގުޅިފައިވާ މެސެޖެއްގައި އެމެރިކާއާއި ޗައިނާއާ ދެމެދުގައިވާ ޚިލާފްތަކާ އެކު ވެސް ދެ ގައުމު ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެ ދެ ބޭފުޅުން ވެސް ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ދެބާރު ކަމަށްވާ އެމެރިކާއާއި ޗައިނާއިން ކޮންމެ އަހަރަކު ބާއްވާ އިގްތިސާދީ އަދި ސްޓްރެޓީޖިކް ވާހަކަތަކާ ބެހޭ އަހަރީ ބައްދަލުވުން ބެއިޖިންގައި އިއްޔެ ފަށާފައިވާ އިރު މިބައްދަލުވުމުގައި މަޝްވަރާ ކުރުމަށް އެޖެންޑާ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސެކިއުރިޓީއާއި ޗައިނާގެ ފައިސާގެ މައްސަލައިގެ އިތުރުން ކަނޑުގެ ސަރަހައްދުތަކުގައި އުފެދޭ އަރާރުންތައް ހައްލުކުރުމާ ބެހޭ މައްސަލައާއި ޖާސޫސުކުރުމުގެ މައްސަލަ ވެސް ހިމެނެ އެވެ. މިބައްދަލުވުމުގައި ބައިވެރިވާ އެމެރިކާގެ ވަފްދުގެ އިސްވެރިއަކީ އެގައުމުގެ ޚާރިޖީ ވަޒީރު ޖޯންކެރީ އެވެ. ޗައިނާގެ ވަފްދުގެ އިސްވެރިއަކީ އެގައުމުގެ ބޮޑުވަޒީރުގެ ނައިބު ވާންގް ޔާންގް އެވެ.

ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ޗައިނާ ފާޅުވަމުން ދަނީ ހަމައެކަނި އިގްތިސާދީ ރޮނގަކުން ވެސް ނޫނެވެ. އިގްތިސާދީ ދާއިރާގައި ބުރަދަން ހުރި ވަރަށް އަސްކަރީ ގޮތުން ވެސް ޗައިނާ ދަނީ ކުރިއަރައި ބާރުގަދަ ކުރަމުންނެވެ. އެހެންކަމުން އެމެރިކާ ދުނިޔޭގައި އަދާކުރަމުންގެންދާ އަތްގަދަ ކުރުމުގެ އިންފީރިއަލިސްޓް ރޯލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ޗައިނާ އެވެ. ދުނިޔޭގެ ހަމައެކަނި ބޮޑުބާރެއްގެ ގޮތުގައި އދ. ގައާއި ބައިނަލްއަގްވާމީ މުޖްތަމައުގައި ހަރަކާތްތެރިވުމުގެ ފުރްސަތު މީގެ 10 ވަރަކަށް އަހަރުކުރިން އެމެރިކާ އަށް ލިބިގެން ގޮސްފައިވީ ނަމަވެސް އެމެރިކާގެ އެދައުރު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

ސްޓްރެޓީޖިކް ގޮތުން އެެމެރިކާއާ ކުރިމަތިލާންކެރޭ ފަދަ ދެބާރުގެ ގޮތުގައި ޗައިނާއާއި ރަޝިޔާ ހަރަކާތްތެރިވާން ފަށާފައި ވާތީ މިހާރުގެ ދުނިޔޭގެ ބާރުގެ ތިލަފަތް އެކުލެވިފައި ވަނީ އެއްބާރުގެ ބަދަލުގައި ގިނަ ބާރުތަކެއްގެ މައްޗަށް ކަމަށް ސްޓްރެޓީިޖިކް ދިރާސާތައް ބުނެ އެވެ. މިއާ އެކު ސޫރިޔާގެ މައްސަލައާއި ޔުކްރޭންގެ މައްސަލާގައި ޗައިނާއާއި ރަޝިޔާ އިދިކޮޅަށް މަސައްކަތް ކުރުމުގެ ސަބަބުން ބޮޑުބާރެއްގެ ދައުރު އަދާކުރުމުގެ ފުރްސަތު އެމެރިކާ އަށް ގެއްލިގެން ގޮސްފައިވާކަން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވަނީ ހާމަވެގެން ގޮސްފަ އެވެ.

ޗައިނާ އާއި އެމެރިކާގެ އިގްތިސާދީ އަދި ސްޓްރެޓީޖިކް ވާހަކަތަކާ ބެހޭ އަހަރީ ބައްދަލުވުންތައް ބާއްވަން ފަށާފައި ވަނީ 2008 ވަނަ އަހަރުން ފެށިގެންނެވެ. (ނޫސްއެޖެންސީތައް)