ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ނެދަލެންޑްސް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، 24 އަހަރަށް ފަހު ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރުކޮށް، ތާރީހު އިޔާދަކުރުމާ ގުޅިގެން އާޖެންޓީނާގެ ކުޅުންތެރިންނަށް އެ ޓީމުގެ ކޯޗު އެލެޖެންޑްރޯ ސަބެއްލާ ތައުރީފުކޮށްފި އެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ފުރަހަމަ ވަގުތު ހަމަވެ، ކުޅުނު އިތުރު ވަގުތުން ނަތީޖާއެއް ނުނެރެވުމުގެ ސަބަބުން ޖެހި ޕެނަލްޓީ ޝޫޓްއައޫޓުން އާޖެންޓީނާ މޮޅުވީ 4-2 ލަނޑުންނެވެ. ދެން އާޖެންޓީނާ ފައިނަލަށް ނުކުންނަން ޖެހޭނީ އަންނަ އާދީއްތަ ދުވަހު ޖަރުމަނާ ދެކޮޅަށެވެ.

"ތަފާތު ސަބަބުތަކަށް ޓަކައި އަހަރެން މިހިރީ ވަރަށް އުފާވެފައި،" މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސަބެއްލާ ބުންޏެވެ. "ކުޅުންތެރިންނާއި، ޓީމުގެ މުވައްޒަފުންނާއި އާޖެންޓީނާގެ ރައްޔިތުންނާއި އަހަރެންގެ އާއިލާ އާއި އެކިއެކި ގޮތް ގޮތުން އަހަރެންނަށް އެހީތެރިވި މީހުންނާ މެދު އަހަރެން މިހިރީ ހިތްހަމަޖެހިފައި. އަހަރެން މި މަސައްކަތްކޮށްދެނީ އަހަރެންގެ އާއިލާ އާއި އާޖެންޓީނާ އެފްއޭ އަދި އާޖެންޓީނާގެ ރައްޔިތުންނަށް ޓަކައި. އަހަރެމެން މިވަނީ ތާރީހު އިޔާދަކޮށް، ފައިނަލަށް ދަތުރުކޮށްފައި."

އެންމެ ފަހުން ވޯލްޑް ކަޕުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ 1990 ވަނަ އަހަރު އެވެ. އެ ފަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައި ވެސް އާޖެންޓީނާ ނުކުންނަން ޖެހުނީ ޖަރުމަނާ ދެކޮޅަށެވެ. އެ އަހަރު އާޖެންޓީނާ އަށް ތަށި ގެއްލިގެން ދިޔައީ އެ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޖަރުމަނުން ކާމިޔާބުކުރި ޕެނަލްޓީއެއްގެ ސަބަބުންނެވެ. އޭރު އާޖެންޓީނާ ޓީމުގެ ކެޕްޓަނު ކަމުގައި ހުރީ އެ ޓީމުގެ ލެޖެންޑް ޑިއެގޯ މަރަޑޯނާ އެވެ.

މި އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް އާޖެންޓީނާ ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00 ގަ އެވެ. މި މެޗު ކުޅޭނީ ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގެ އެސްޓޭޑިއޯ މަރަކަނާގަ އެވެ.