10 Jul 2014, 10:15
ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ބޮޑު ނާކާމިޔާބެއް ލިބުނު ބްރެޒިލް ޓީމުގެ ކޯޗު ލުއިސް ފެލިޕޭ ސްކޮލާރީ އަށް އެ ޓީމުގެ ތަރި ނޭމާގެ އެޖެންޓް، ވެގްނާ ރިބޭރޯ ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕުގެ ސެމީއާ ހިސާބުން ބްރެޒިލް ކަޓައިގެން ދިޔައީ 7-1 ލަނޑުން ޖަރުމަނު އަތުން ލިބުނު ރެކޯޑު ބައްޔާ އެކު އެވެ. އެ ބައްޔާ މެދު ބްރެޒިލްގެ މީޑިޔާތަކުން ބުނަމުން ދަނީ އެއީ ގައުމަށް ލިބުނު ބޮޑު ލަދެއް ކަމަށެވެ.
ރިބޭރޯގެ ޓްވިޓާ އެކައުންޓްގައި އޭނާ ވަނީ ސްކޮލާރީގެ ހަ ކަމެއް ފާހަގަކޮށް، އޭނާ އަށް ފާޑު ކިޔައިފަ އެވެ.
"ފުރަތަމަ ކަމަކީ ޕޯޗުގަލްއާ ހަވާލުވެ އެއްވެސް ކާމިޔާބެއް ނުލިބުން،" އޭނާ ޓްވީޓް ކުރި އެވެ. "ދެވަނަ އަށް ޗެލްސީއާ ހަވާލުވެ އޭގެ އަނެއް ދުވަހު ކަހަލަ ގޮތަކަށް ކޯޗުކަމުން ވަކިކުރި. ތިންވަނަ އަށް އުޒްބަކިސްތާނަށް ކޯޗުކަން ކުރުން. ހަތަރު ވަނަ އަށް ބްރެޒިލް އަށް އެނބުރި އައުމަށް ފަހު، ޕަލްމޭރާސް ދެވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލި. ފަސް ވަނަ އަށް ޕްލަމޭރާސް ރެލިގޭޓްވުމުން އެކަމުން ސަލާމަތްވުމަށް އެ ކްލަބުގެ ކޯޗުކަމުން ދުރުވުން. ހަ ވަނަ ކަމަކަށް އަވަހަށް ނިންމުންތަކަށް އަވަސްވެ ގަންނަ މުސްކުޅިއަކަށް ވުމާއި، އަމިއްލަ އެދުން ބޮޑު ވުމާއި، އެހެން މީހުންނަށް އުނދަގޫ ޖެއްސުމާއި، އަމިއްލަ ނަފްސަށް އެކަނި އިސްކަން ދޭ މީހަކަށް ވުން."
ނޭމާގެ އެޖެންޓްގެ އިތުރުން ވެސް ސްކޮލާރީ އަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. މި ފާޑު ކިޔުންތަކުގެ ސަބަބުން މިހާރު ކުރިއަށްދާ ވޯލްޑް ކަޕު ނިމުމުން އޭނާ އިސްތިއުފާ ދޭނެ ކަމުގައި މީޑިޔާ ރިޕޯޓްތައް ބުނަމުންދެ އެވެ.
މި މުބާރާތުގައި ދެން ބްރެޒިލް ނުކުންނަން ޖެހޭނީ ތިންވަނަ ހޮވާ މެޗަށެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ 01:00ގައި ބްރަސީލިއާ ސިޓީގެ އެސްޓޭޑިއޯ ނޭސިއޮނަލްގައި ކުޅޭ އެ މެޗަށް ބްރެޒިލް ނުކުންނަން ޖެހޭނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.