10 Jul 2014, 10:13
ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެން ބަލިވި ނެދަލެންޑްސް އިން ތިން ބަދަލު ހަމަނުވި ނަމަ، ޕެނަލްޓީ އަށް އަލުން އެ ޓީމުގެ ބަދަލު ގޯލްކީޕަރު ޓިމް ކްރުލް އަށް ޖާގަ ދިނީސް ކަމަށް ނެދަލެންޑްސްގެ ކޯޗު ލުއިސް ވެން ހާލް ބުނެފި އެވެ.
ނެދަލެންޑްސްގެ ބަދަލު ކީޕަރު، ކްރުލް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލު މެޗުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ސަލާމަތްކޮށްދިން ބަޠަލުގެ ގޮތުގަ އެވެ. އެ މެޗުގެ އިތުރު ވަގުތުގައި ނެދަލޭންޑްސްގެ އެއް ނަމްބަރު ކީޕަރު ޖެސްޕާ ކިލެސެންގެ ބަދަލުގައި އަރައި ޕެނަލްޓީ ޝޫޓްއައުޓްގައި ކްރުލް ވަނީ ދެ ޕެނަލްޓީ ދިފާއުކޮށް، އެ ޓީމަށް ސެމީގެ ޖާގައެއް ހޯދައިދީފަ އެވެ.
ސެމީގައި ރޭ އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ 120 މިނެޓް ހަމަވި އިރު، ނެދަލެންޑްސް އިން ވަނީ ތިން ބަދަލުގެ ބޭނުން ހިފައިފަ އެވެ. އޭގެ ސަބަބުން ނެދަލެންޑްސް ކޮޅަށް އާޖެންޓީނާ ޖެހި ހުރިހާ ޕެނަލްޓީއެއް ވަތް އިރު، އާޖެންޓީނާ ކީޕަރު ވަނީ ދެ ޕެނަލްޓީއެއް ދިފާއުކޮށްފަ އެވެ.
"އަހަރެންނަށް އެ ބަދަލު ގެނެވެން އޮތް ނަމަ އެކަން ކުރީސް. ނަމަވެސް އޭރު އަހަރެންނަށް ވަނީ ތިން ބަދަލު ގެނެސްފައި،" ވެން ހާލް ބުންޏެވެ. "އަހަރެން ޑަރީލް ޔަންމާޓް އެރުވީ ބްރޫނޯ މާޓިންސް އަށް ރީނދޫ ކާޑެއް ދައްކައިފައި އޮތުމުގެ ސަބަބުން. އަދި ނައިޖެލް ޑި ޔޮންގް އަށް އަނިޔާއެއް ލިބިދާނެތީ އޭނާގެ ބަދަލުގައި ޔޯޑީ ކްލަސީ އެރުވީ އެޓޭކަށް ވެސް ވިސްނައިފައި. އަދި ރޮބިން ވެން ޕާސީ ބަދަލުކުރީ އޭނާ ވަރުބަލިވެފައި ހުރުމުން."
މި މުބާރާތުގައި ދެން ބްރެޒިލް ނުކުންނަން ޖެހޭނީ ތިންވަނަ ހޮވާ މެޗަށެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ 01:00ގައި ބްރަސީލިއާ ސިޓީގެ އެސްޓޭޑިއޯ ނޭސިއޮނަލްގައި ކުޅޭ އެ މެޗަށް ނެދަލެންޑްސް ނުކުންނަން ޖެހޭނީ އަމިއްލަ ފަސްގަނޑުގައި ކުޅޭ ބްރެޒިލްއާ ދެކޮޅަށެވެ.