ރާއްޖޭގެ ތިން ޑޮމެސްޓިކް އެއާޕޯޓެއްގެ އޭވިއޭޝަން ސެކިޔުރިޓީއާ ހަވާލުވުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީން މިއަދު ސޮއިކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ބުނީ ސޮއި ކުރީ ރީޖަނަލް އެއަރޕޯޓްސް އާއި އެކުގައި ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މުޙައްމަދު މުއިއްޒު އަދުދާނެވެ. އަދި ރީޖަނަލް އެއާރޕޯޓްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑައިރެކްޓަރ ޖެނެރަލް މުޙައްމަދު ވަޖީހެވެ.
ހދ. ހަނިމާދޫ އާއި ގދ. ކާޑެއްދޫ އަދި ލ.ކައްދޫގެ ޑޮމެސްޓިކް އެއާޕޯޓްގެ އޭވިއޭޝަން ސެކިޔުރިޓީ އާއި ޑިފެންސް މިނިސްޓްރީން މިއަދު ހަވާލުވުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ އެއަޕޯޓްތަކެއްގެ ސެކިޔުރިޓީ ބެލެހެއްޓުން މިހާރު ވަނީ އެމިނިސްޓްރީގެ ބެލުމުގެ ދަށަށް އައިސްފަ އެވެ.
ރާއްޖޭގައި މިވަގުތު އޮތް އިންޓަރނޭޝަނަލް ދެ އެއާޕޯޓް ކަމަށްވާ ހުޅުލޭ އިންޓަނޭޝަނަލް އެއާޕޯޓާއި، ސ. ގަން އިންޓަރނޭޝަނަލް އެއާޕޯޓްގެ އޭވިއޭޝަން ސެކިޔުރިޓީ ބެލެހެއްޓުން ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.