ޓީވީއެމްއާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލެއް މެދުވެރިކޮށް ވޯލްޑްކަޕްގެ މެޗުތައް ރީބްރޯޑުކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑުކާސްޓިން ކޮމިޝަނުން އަންގާފައިވާ މައްސަލައާ ގުޅިގެން މީޑިއާ ނެޓުން އެ ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރި މައްސަލައިގެ ޝަރީއަތް ފަށައިފި އެވެ.

މިރޭ ސިވިލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅުއްވަމުން މީޑިއާ ނެޓުގެ ގާނޫނީ ވަކީލު ވިދާޅުވީ މީޑިއާ ނެޓާއި ސޮނީ ސިކްސް އާ އެކު ވެފައިވާ އެއްބަސްވުން އެ ކުންފުނީގެ ފަރާތުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ފޮނުވާފައި ކަމަށެވެ. އަދި އެ އެއްބަސްވުން ލިބިފައި އޮވެމެ، އެކަމާ ގުޅޭ ގޮތުން އާންމުންނަށް އޮޅޭ ފަދަ ގޮތަކަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވާހަކަ ދައްކަމުން އަންނަ ކަމަށް މީޑިއާ ނެޓުގެ ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓަށް ފޮނުވި ސިޓީގައި، ސޮނީ ސިކްސް އަދި ސޮނީ ސިކްސް އެޗްޑީ މެދުވެރިކޮށް ވޯލްޑްކަޕްގެ މެޗުތައް ރީބްރޯޑްކާސްޓް ކުރުމުގައި އެ ކޮމިޝަނަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކޮމިޝަނުން ވަކިގޮތެއް އަންގަންދެން ޓީވީއެމް އާއި ވީޓީވީ ފިޔަވައި އެހެން ޗެނެލަކުން ވޯލްކަޕްގެ މެޗުތައް ނުދެއްކުމަށް އަންގާފައި ވަނީ ކުރެވޭ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެކަމަކީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާ އާއި 61 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފުކަމެއްކަން އެނގެން އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރޯޑުކާސްޓިން ކޮމިޝަނުން އަޅާފައިވާ ފިޔަވަޅަކީ ރީބްރޯޑުކާސްޓު ކުރުމުގެ ގަވާއިދުގެ ޖަދުވަލު 2ގައި ބަޔާންކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ، ގާނޫނަކުން ބާރު ލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއްވެސް މީހަކަށް އަމުރެއް ކޮށްގެން ނުވާނެ ކަމާއި ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ އެންގުމަކީ ގާނޫނީ އިމުގެ ބޭރުން އަންގާފައިވާ އެންގުމެއް ކަމަށާއި އެފަދަ އެންގުންތަކަށް ތަބާ ނުވުމުގެ ހައްގު މީޑިއާ ނެޓަށް ލިބިގެންވާކަން ކަނޑައެޅިގެން އެނގެން އޮންނަކަމަށެވެ.

ވަކީލު ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައިވާ އެންގުމަކީ މީޑިއާ ނެޓުން ކުރާ ވިޔަފާރިއަށް ހުރަސްއެޅުމުގެ ގޮތުން އަދި ވަކިބައެއްގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން އަންގާފައިވާ އެންގުމެއް ކަމަށެވެ.

ދައުވާ ހުށަހެޅުއްވުމަށް ފަހު މީޑިއާ ނެޓުން ވަނީ އެ މައްސަލަ ކޯޓުން ނިމެންދެން ބްރޯޑްކާސްޓިން ކޮމިޝަންގެ އެ އެންގުމަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ. ނަމަވެސް އެމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ހިންގަން ގަސްދުކުރައްވާ ކަމަށް ގާޒީ ވިދާޅުވުމުން މީޑިއާނެޓުން ވަނީ ވަގުތީ އަމުރު އަނބުރާ ގެންގޮސްފަ އެވެ.

މިރޭގެ ޝަރީއަތުގެ މަޖިލީސް ސިވިލް ކޯޓުގެ ގާޒީ ނިންމަވާލެއްވީ ދައުވާއަށް ޖަވާބުދާރީވުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ފުރުސަތު ދިނުމަށް ފަހު އެވެ. އެއަޑުއެހުން އޮންނާނީ މާދަމާ މެންދުރު 12:00 ގައެވެ.