މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓު، އަލީ ޝާންގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

މިއަދު މެންދުރު 12:00އަށް ތާވަލްކުރި ޝަރީއަތުގެ މަޖިލީސް ކެންސަލްކޮށްފައި ވަނީ ރަސްމީ ދަތުރުފުޅެއްގައި އެ މައްސަލަ ބައްލަވާ ގާޒީ މާލެއިން ބޭރުގައި އުޅުއްވާތީ އެވެ.

އެންމެފަހުން ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުލަތުން ހުށަހެޅި ހެއްކެއްގެ ހެކިބަސް ނަގައިފައެވެ. ހެކިބަސް ދެމުން އެމީހާ ބުނެފައިވަނީ، ހ. ފުންވިލުގޭގެ ސިޑި ކައިރީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނިކޮށް، ލޭ ހޭކިފައި އޮތް ވަޅިއެއް ހިފައިގެން އެ ހަށިގަނޑު ކައިރީ ޝާން ހުއްޓައި ދުށްކަމަށެވެ.

ހެކިބަސް ދިން މީހާ ބުނެފައި ވަނީ ކުޑަކުދިންގެ ބަގީޗާ ކައިރީ އޭނާ ހުއްޓައި ހ. ލޮބީ ހުސެއިން ހުމާމް އަހްމަދު، ފުންވިލުގެއަށް ވަތް ކަމަށާއި އޭގެ އިރުކޮޅެއް ފަހުން ފޮތްތަކެއް ހިފައިގެން މީހަކު ފުންވިލުގެއަށް ވަންނަން ފެށުމާ އެކު އެމީހާގެ ފަހަތުން ޝާން ވެސް ދިޔަ ކަމަށެވެ. އަދި ބުނީ ފޮތްތަކެއް ހިފައިގެން އެ ގޭތެރެއަށް ވެދެވަޑައިގަތީ ޑރ. އަފްރާޝީމް ކަން އޭނާއަށް އެނގުނީ ފަހުން ކަށެވެ.

އޭނާ ބުނެފައި ވަނީ ފުންވިލުގެއަށް ދިޔުމަށް ފަހު އިރުކޮޅަކުން އަތުގެ އިޝާރާތުން "އަންނާށޭ" ޝާން ބުނި ކަމަށާއި ދެން އޭނާ ދިޔުމުން "ހެލްޕްވާން އަންނާށޭ" ޝާންއާ ހުމާމް ބުނި ކަމަށެވެ. އަދި އޭގެ ޖަވާބެއްގެ ގޮތުން "ތިކަހަލަ ކަމެއްކަން އެނގުނު ނަމަ" ނުވެސް އަންނާނެ ކަމަށް ބުނި ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.

ފުންވިލުގެއަށް ދިޔައިރު ޝާންގެ އަތުގައި ލޭ ހޭކިފައި ހުރި ބެނެޓު ވަޅިއެއް އޮތް ކަމަށާއި އަދި ހުމާމް، ޑރ. އަފްރާޝީމްގެ ގައިގައި ހިފަހައްޓައިގެން ހުރި އިރު އޭނާގެ އަތުގައި ކަތިވަޅިއެއް އޮތް ކަމަށް ވެސް ހެކިބަސްދިން މީހާ ވަނީ އެދުވަހު ބުނެފައެވެ.

އޭނާ ބުނެފައި ވަނީ، 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އާޓިފިޝަލް ބީޗުން ޝާންއާ ހުމާމާއި ދިމާވި ކަމަށާއި އެވަގުތު ދެކެވުނު ވާހަކަތަކުގައި "މިޝަނެއް އެބައޮތޭ" ހުމާމް ބުނި ކަމަށެވެ. އަދި އެއީ ލާރި ލިބޭ "މިޝަނެއް" ކަމަށް ހުމާމް ބުނި ކަމަށް ވެސް އެ މީހާ ވަނީ ހެކިބަސްދެމުން ބުނެފަ އެވެ.

އެވަގުތު ދެކެވުނު ވާހަކަތަކުގައި އެރޭ 11:00އަށް ޕެޑްޕާކަށް ދިޔުމަށް ހުމާމް ބުނި ކަމަށާއި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ރޭ ޝާންއާ ހުމާމާ ދެ މީހުންނާ ބައްދަލުވީ އެ ޕާކަށް އޭނާ ދިޔުމުން ކަމަށް ހެކިބަސް ދެމުން އޭނާ ބުންޏެވެ.

އެ ޕާކްތެރެއިން އެ ދެ މީހުންނާ ބައްދަލުވި އިރު ޝާންގެ އަތުގައި ބެނެޓު ވަޅިއެއް އޮތް ކަމަށް ވެސް އެމީހާ ބުންޏެވެ. އެތަނުގައި ތިބެފައި އެ ދެ މީހުން ބުނެގެން، އެ ދެ މީހުންނާ އެކު ކުޑަކުދިންގެ ބަގީޗާ ކައިރިއަށް ދިޔައީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށް ހުމާމްގެ މައްޗަށް ސާބިތުވުމާ ގުޅިގެން އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.