ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ނެދަލޭންޑްސް (ލަންދޭސީން) މިރޭ ލިއޮނެލް މެސީގެ އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު އެޓީމަށް ކިހާވަރެއްގެ ގެއްލުމެއް ދީފާނެތޯ؟ މިއީ އުފެދިފައިވާ ބޮޑު ސުވާލެކެވެ. މިހާރު ދެކުނު އެމެރިކާގެ ޓީމުތަކުގެ ތެރެއިން ސަލާމަތުން އޮތް ހަމައެކަނި ޓީމުގެ ގޮތުގައި އާޖެންޓީނާ އޮތްއިރު ޔޫރަޕުގެ ޖަރުމަނު ވަނީ ބްރެޒިލް ލަދުގަންނަވާލައި މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ބްރެޒިލްގައި ބާއްވާ މި ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ދެކުނު އެމެރިކާ ޓީމުތައް ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި ވެއެވެ. ނަމަވެސް މިހާރު އެ ޓީމުތައް ކަޓައިގެން ދިޔައިރު، އެންމެ ހިތްދަތި ގޮތަކަށް ބަލިވެ، މުބާރާތުން ކެޓި ދެކުނު އެމެރިކާގެ ޓީމަކީ ބްރެޒިލް އެވެ.

އަމިއްލަ ގައުމުގައި ބާއްވަމުންދާ ވޯލްޑް ކަޕަށް ބޮޑު އުންމީދަކާއި ހުވަފެނަކާ އެކު ނުކުމެ އަމިއްލަ ފަސްގަނޑުގައި ބްރެޒިލް ބަލިވެގެންދިޔައީ ރެކޯޑް ބައްޔަކާއެކު އެވެ. ސެމީގައި ޖަރުމަން އަތުން 7-1 ލަނޑުން ބަލިވުމުން ގިނަ ކަންތައްތަކެއް ހާމަވެގެން ދިޔަ އެވެ. ފުޓްބޯޅައިގެ ރަސްގެފާނު، ބްރެޒިލް އެފަދަ ބޮޑު ބައްޔަކުން ބަލިވެގެން ދިއުމުން އާޖެންޓީނާއަށް ވެސް އެ ބިރު އެބައޮތެވެ.

މިހާތަނަށް އެންމެން ވެސް ދައްކާ އެއް ވާހަކައަކީ އާޖެންޓީނާ އަކީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކަމަށެވެ. އަދި މެސީ އަކީ އާޖެންޓީނާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ މެސީއާ އެކު ދަނޑުމަތީގައި އާޖެންޓީނާގެ ދިހަ ކުޅުންތެރިން ހިމެނޭ ކަމެވެ. މެސީއަށް ބޯޅަ ޖައްސާނީ ކޮންމެ ވެސް ކުޅުންތެރިއެކެވެ. މެސީއަށް އެހީތެރިވާން ވެސް ތިބީ އެހެން ކުޅުންތެރިންނެވެ.

މިރޭގެ މެޗަށް ނެދަލެންޑްސް ނުވަތަ ދިވެހިން ކުރިން ކިޔާގޮތަށް ނަމަ ލަންދޭސީން ނުކުންނަ އިރު، ހަމައެކަނި މެސީ ހުއްޓުވައިގެން ސަލާމަތްވެވެން ނޯންނާނެ ކަން ނެދަލެންޑްސް އަށް އެނގޭނެ އެވެ. މެސީ ހުއްޓުވުމަކީ ނުވާނެ ކަމެއްކަން މި މުބާރާތުގައި އޭނާ ވަނީ ޓީމުތަކަށް އަންގައިދީފައެވެ. ނެދަލެންޑްސްގައި ވެސް މެސީއެއް ހުރިކަން އެ ޓީމުން ގަބޫލުކުރަން ޖެހެއެވެ. އެއީ އެ ޓީމުގެ ވިންގާ އާރްޔެން ރޮބެން އެވެ.

ވޯލްޑް ކަޕްގެ އެންމެ ފަހުގެ ރަނަރަޕް ޓީމުގައި މެސީ ފަދަ މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. ރޮބެންގެ އިތުރުން އެ ޓީމުގެ ކެޕްޓަން ރޮބިން ވެން ޕާސީ އަދި ވެސްލީ ސްނެއިޑާގެ ނުރައްކާތެރިކަން އާޖެންޓީނާއަށް ކުރިމަތިވާނެ އެވެ. ޑިފެންސް ލައިނަށް އަދި އެ ޓީމުގެ ގޯލްކީޕަރުންގެ ފެންވަރު ވެސް މި މުބާރާތުގައި ފެނިއްޖެ އެވެ. ސެމީއަށް އެ ޓީމަށް އާދެވުނީ ބަދަލު ގޯލްކީޕަރު ޓިމް ކްރުލްގެ ސަބަބުން ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އަދި ކޯޗު ލުއިސް ވެން ހާލުގެ ވާހަކަ ދެއްކުމަށް ވުރެ، ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ. އެއީ މޮޅު ކޯޗެއްކަން އޭނާ މުޅި ދުނިޔެއަށް ހާމަކޮށްދީފި އެވެ.

މި މުބާރާތުގައި އާޖެންޓީނާ އަދި ނެދަލެންޑްސް ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން މި ދެ ޓީމަކީ ގްރޫޕް ސްޓޭޖުގައި ހުރިހާ މެޗަކުން މޮޅުވި ޓީމުތަކުގެ ތެރޭގައި ހިމެނުނު ދެ ޓީމެވެ. ނޮކްއައުޓް ރައުންޑްގައި ވެސް ދެ ޓީމުން ދެއްކި ކުޅުމަކީ ދަށް ކުޅުމެކޭ ބުނެވޭކަށް ނެތެވެ. މި ދެ ޓީމަކީ ވެސް އެޓޭކިންގް ގޭމަކަށް ލޯބިކުރާ ދެ ޓީމަށް ވާއިރު، މިރޭގެ މެޗުގައި ދެ ޓީމަށް ވެސް ޑިފެންސްކުރަން މަޖުބޫރުވާ ހާލަތްތައް ކުރިމަތިވާނެ އެވެ.

ފުޓްބޯޅަ ތާރީހަށް ބަލައިލާއިރު، އާޖެންޓީނާ ނެދަލެންޑްސް އަތުން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ އާޖެންޓީނާގައި 1978 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕް ފައިނަލުގައެވެ. މެޗުގެ ފުރަތަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 ލަނޑުން އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައި ކުރި ހޯދި ޓީމަކީ އާޖެންޓީނާ އެވެ. އެ މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާ ދެ ލަނޑު ކާމިޔާބުކުރި އެވެ.

އެ މެޗުގެ އިތުރުން ވޯލްޑް ކަޕުގައި ތިން ފަހަރަކު މި ދެ ޓީމު ވާދަކޮށްފައި ވެއެވެ. އެ ތިން މެޗުގެ ތެރެއިން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު އިރު، 1974 އަދި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބައްދަލުކުރި މެޗުން ކުރި ހޯދީ ނެދަލެންޑްސް އެވެ. ނެދަލެންޑްސް އަތުން އާޖެންޓީނާ އަށް އެންމެ ބޮޑު ބައްޔެއް ލިބުނީ 1974 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. ޔޯހާން ކްރައިފްގެ ދެ ލަނޑާއެކު އެ މެޗުން ނެދަލެންޑްސް މޮޅުވީ 4-0 ލަނޑުންނެވެ.

ނެދަލެންޑްސް އަކީ ވޯލްޑް ކަޕު ފައިނަލަށް ދަތުރުކުރާ ޓީމަކަށް ވިޔަސް، މިހާތަނަށް އެ ޓީމަށް ޗެމްޕިއަންކަން ހޯދިފައެއް ނުވެ އެވެ. ވޯލްޑް ކަޕް 1974، 1978 އަދި 2010 ގެ ވޯލްޑް ކަޕަށް ނެދަލެންޑްސް ދަތުރުކުރި ނަމަވެސް އެ ޓީމަށް ތަށީގައި އަތްލެވިފައެއް ނުވެ އެވެ.

އާޖެންޓީނާއަށް ބަލައިލާއިރު، އެ ޓީމަކީ ފުރަތަމަ ވޯލްޑް ކަޕުގެ ރަނަރަޕެވެ. އާޖެންޓީނާ ވަނީ 1978 އަދި 1986 ގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައި ވޯލްޑް ކަޕް 1990 ގެ ރަނަރަޕްކަން ހޯދައިފައެވެ. އެހެންކަމުން އާޖެންޓީނާއާއި ނެދަލެންޑްސްގެ ތެރެއިން ވޯލްޑް ކަޕަށް ކާމިޔާބު ޓީމަކީ އާޖެންޓީނާ އެވެ.

ބްރެޒިލަށް ވެގެންދިޔަ ހިތްދަތި ގޮތުން މޮޑަން ފުޓްބޯޅައިގައި ވާނެ ގޮތެއް ބުނާކަށް ނޭނގެއެވެ. އަމިއްލަ ބައްރުގައި ނުވަތަ އަމިއްލަ ގައުމުގައި ކުޅެގެން ވެސް ބަލިވެދާނެ ކަން މިހާރު ހާމަވެގެން ގޮސްފިއެވެ. ފީފާ ރޭންކިންއަށް ނުވަތަ ކާމިޔާބު ޓީމަށް ބަލައިގެން މޮޅުވާނީ ކޮން ޓީމެއްކަން ބުނަން ދަތި ދުވަސްތައް އަތުވެއްޖެ އެވެ.

ފީފާ ވޯލްޑް ކަޕު 2014ގެ ސެމީގައި އާޖެންޓީނާ އާއި "ލަންދޭސީން"ގެ ހަނގުރާމަ ފެށޭނީ ރާއްޖޭ ގަޑިން މިރޭ 01:00 ގައެވެ. އެ މެޗު ކުޅޭނީ ބްރެޒިލްގެ ސައޮ ޕޯލޯ ސިޓީގެ އެރީނާ ކޮރިންތިއަންސްގައެވެ.