އައިޖީއެމްއެޗްގެ މުވައްޒަފެއްގެ އިހްމާލުން އެޗްއައިވީ އެއިޑްސް ޖެހިފައިވާ މީހެއްގެ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅުނު މައްސަލައިގެ ފަހުން ސިއްހީ ދާއިރާގައި އިހްމާލުވުމުގެ މައްސަލައެއް ދިމާވެފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމަށް ސޮއި ކުރެއްވުމަށް މިރޭ މުލިއާގޭގައި ބޭއްވި ރައްމިޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުން ސިއްހީ ދާއިރާއަށް ސަރުކާރުން ދީފައިވާ އަހައްމިޔަތު އެނގޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އެމްބީލޯންޗްގެ ހިދުމަތް ތައާރަފްކޮށްފައި ވަނީ ވެސް ސިއްހީ ދާއިރާގެ ކަންކަން ރަނގަޅުކުރުމަށް ކަމަށާއި ނަމަވެސް ގުދުރަތުން ދިމާވާ ކަންކަމަކީ އިހްމާލުންވާ ކަމެއްގެ ގޮތުގައި ނުބެލޭވޭނެ ކަމަށެވެ.

" އެމްބީލޯންގެ ހިދުމަތް ފެށިފަހުން ވެސް މިދިމާވާ ކަންކަމަށް ބަލާއިރު މިއީކީ އެ ހިދުމަތްނެތިގެނެއް ފުރާނަ ގެއްލޭ ގެއްލުމެއް ވެސް ނޫން. ނޫނިއްޔާ ބަދުނަސީބު ދިމާވަނީކީ ވެސް ނޫން. މާ ވަގުތާ ކައިރިކޮށްފައި ފަރުވާއާ ހިސާބަށް ދާން އުޅުމުން ދިމާވާ މައްސަލަވެސް އެބަހުރި. ނޫނީ ކުއްލިއަކަށް ކަމެއް ދިމާވެގެން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރުން ތިއްބަސް އަދި ކިތަންމެ ރަނގަޅު އިކްއިޕްމަންޓް ހުއްޓަސް ﷲގެ ރަހްމަތުގައި އެކަން އޮތް ގޮތަކަށް އެކަން އެކަން ނިމޭނީ. އެޗްއައިވީ ލޭ އެޅުނު މައްސަލަ ފިޔަވައި އަޅުގަނޑަކަށް ފެނިގެނެއް ނުދޭ އިހްމާލުން ނުވަތަ އަޅާނުލެވުމުގެ ސަބަބުން ބޮޑުކަމެއް ދިމާވިތަނެއް،" ރައީސް ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކިލާއާއި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ސިއްހީ ދާއިރާ ރަނގަޅުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާގެ މައްސަލަތަކުގެ ޒިންމާ، ވޭތުވެދިޔަ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށެވެ.

" މިދިޔަ ހަތަރު ފަސް އަހަރުދުވަސް ތެރޭގައި އިމާރާތްތަކުގެ އާބާތުރަ ނުފިލުވައި ތަންތަން ހަލާކުވާ ހިސާބަށް ގޮސްފައި އޮތީ. އެއީ މީގެ ކުރީގެ ސަރުކާރުން ޒިންމާ އުފުލަން ޖެހޭނެ ކަމެއް. އެއީ މަޖިލީހުން ހުންނާނެ ބޮޑެތި ބަޖެޓުތައް ފާސްކޮށްދީފަ، " ރައީސް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އަންނަ ބުދަ ދުވަހު ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. މިއީ މިހާރު ހިނގަމުންދާ ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް ވަޒީރަކު ހާޒިރުކުރާ ފުރަތަމަފަހަރެވެ.