09 Jul 2014, 23:13
އެމެރިކާއިން ހޯދަމުންދިޔަ ރަޝިއާގެ ހެކަރެއް ކަމަށްވާ ރޯމަން ވެލެރެވިކް ސެލެޒްނޯވް ހައްޔަރުކޮށް، ރާއްޖެއިން ފޮނުވާލި މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ރަޝިޔާ ސަރުކާރަށް ސާފުކޮށްދިނުމަށް ދިވެހި ސަރުކާރުގެ ވަފުދެއް ލަންކާއަށް ދިއުމަށް ތައްޔާރުވަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމިން ވިދާޅުވީ، ރަޝީޔާ މީހާ ހައްޔަރު ކުރުމުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ރަޝިޔާ ސަރުކާރަށް ސާފުކޮށްދިނުމަށް ލަންކާގައި ހުންނަ ރަޝީޔާގެ އެމްބަސީއަށް ދިވެހި ސަރުކާރުގެ ޓީމެއް ވަޑައިގަތުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމަށް ސޮއި ކުރެއްވުމަށް މިރޭ މުލީއާގޭގައި ބޭއްވި ރަސްމިޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރަޝިޔާ ސަރުކާރުގެ އިސްވެރިންނާއި ވާހަކަ ދެއްކެވުމަށް ވަޑައިގަންނަވާ ވަފުދުގައި ފޮރިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީގެ އިތުރުން ބަންޑާރަ ނައިބު އޮފީހުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ދިވެހި ސަރުކާރުގެ ފަރާތުން ކަން ހިނގާފައި އޮތް ގޮތް ތަފްސީލުކޮށް ދެންނެވޭތޯ މި މަސައްކަތް ކުރަނީ. މިރޭ މި ވާހަކަ ދައްކާއިރު ވެސް ދިވެހި ހާރިޖިއްޔާއިން ފޮރިން މިނިސްޓަރުވެސް ރަޝީޔާގެ ސަފީރާވެސް ވާހަކަ ދެއްކެވި. މިކަން ހިނގާފައި އޮތް ގޮތް ވެސް އޮޅުންފިލުވައިދެއްވި. އޭގެ އިތުރުން އަޅުގަނޑުމެންގެ ވަފުދެއް ސިލޯނަށް ގޮސް ރަޝީޔާގެ އެމްބެސެޑަރަށާއި އެހެން ބޭފުޅުންނަށް އޮޅުންފިލުވާ ދިނުމުގެ މަސައްކަތް މިކުރަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރަޝީޔާ މީހާ ހައްޔަރުކޮށްފައި ވަނީ އެގައުމަށް ގެއްލުމެއް ދިނުމަށް ނޫން ކަމަށާއި އެކަން ކޮށްފައިވަނީ ބައިނަލްއަގުވާމީ ފުލުހުންގެ މައި އިދާރާ އިންޓަޕޯލުން ނެރެފައިވާ ރެޑް ނޯޓިސް އަކަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ހިނގާފައިވާ ގޮތުން ރާއްޖެ އަށް ރަޝިޔާގެ ފަރާތުން އިތުރު ގެއްލުމެއް ވުމަށް ނޭދޭ ކަމަށާއި އަދި ރާއްޖެ އަށް ރަޝީޔާ އިން އަންނަ ފަތުރުވެރިން މަދުވުމަށް ވެސް ނޭދޭ ކަމަށެވެ.
ސެލެޒްނޯވް ހައްޔަރުކޮށްފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ހައްޔަރުކޮށް އެމެރިކާގެ ސީކްރެޓް ސާވިސް އިން ވަނީ ޕްރައިވެޓް ޖެޓަކަށް އަރުވައިގެން ޕެސިފިކް ކަނޑުގައި އޮންނަ ގުއާމް ނަމަކަށް ކިޔާ ރަށަކަށް ގެންގޮސްފަ އެވެ. ރާއްޖެ އިން ހައްޔަރުކޮށްގެން އެމެރިކާ އިން ގެންދިޔަ މީހާއަކީ ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ދަރިއެކެވެ.
ރައީސް ވިދާޅުވީ އިންޓަޕޯލުން ނެރޭ ރެޑް ނޯޓިސްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ސަމާލުކަން ދެމުން އަންނަ ކަމަށާއި އިންޓަޕޯލްގެ ރެޑް ނޯޓިސް އަށް އެ މީހާ ހައްޔަރުކޮށް، ރާއްޖެ އިން ފޮނުވާލުމުގައި ފުލުހުން މިފަހަރު ވެސް އަމަލުކޮށްފައި ވަނީ އެފަދަ މައްސަލަތަކުގައި ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތަށް ކަމަށެވެ.