ގާނޫނުތަކުގެ އުވިފައިވާ މައްދާތަށް ގާނޫނު އިސްލާޙް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ މަޖިލީހުގެ ވަގުތު ނަގާލުމަށް ކަމަށް އެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަދަރުސާ ތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާ ތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުގެ ފަރާތުން ތަމްރީން ދެވޭ މީހުން ސަރުކާރަށް ހިދުމަތްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މެންބަރުން ވިދާޅުވީ އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުން އުވި ގޮސްފައިވާ މާއްދާއެއް ކަމަށެވެ.

އެ ގާނޫނުގެ 10 ވަނަ މާއްދާއަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާފައި ވަނީ ޕީޕީއެމްގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އޭނާ ހުށަހަޅުއްވާފައި ވަނީ އެ މާއްދާ އުވާލުމަށެވެ.

މެންބަރުން ވިދާޅުވީ އާ ގާނޫނުއަސާސީ ބުނާ ގޮތުން އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުން އެ ގާނޫނުއަސާސީއާ ތަޢާރުޒްވާ ގާނޫނުތަކާއި އެފަދަ ގާނޫނުތަކުގެ މާއްދާތަށް އުވިގެންދާނެ ކަމަށެވެ. އެހެން ކަމުން އާ ގާނޫނުއަސާސީ ވުޖޫދަށް އައުމާއި ގުޅިގެން އުވި ގޮސްފައިވާ މާއްދާތަށް އުވާލުމަށް މަޖިލީހަށް ހުށަހަޅަނީ މަޖިލީހުގެ ވަގުތު ދުއްވާލުމަށް ކަމަށް މެންބަރުން ވިދާޅުވި އެވެ.

ބިލްގެ ބަހުސް މަރުހަލާގައި ސަރުކާރު ހިންގާ ޕީޕީއެމައަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ އެ އިސްލާހަކީ ފެހި ގާނޫނުއަސާސީ ވުޖޫދަށް އައުމާއެކު އުވިފައިވާ އިސްލާހެއް ކަމަށާއި އަދި "މި ގެނެވެނީ ހަމަ ކޮސްމެޓިކް ބަދަލެއް. އުވިފައިވާ އެއްޗެއް އޭގެ ޒާތުގައި ހަމަ އުވާލެވެނީ،" ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ނުވަތަ ސަރުކާރުން އެހީވެގެން ތަޢުލީމް ހާސިލްކުރާ ފަރާތެއް ސަރުކާރުގައި ވަކި މުއްދަތެއް ވަންދެން މަސައްކަތް ކުރަން ޖެހޭ ގޮތަށް ލާޒިމް ކޮށްފައި ނުވަތަ ބޮންޑާއި ބެހޭ ގާނޫނެއް އޭރު އަމަލުކުރަމުން ދިޔައީ އޭރުގެ ހާލަތު ތަންދޭ ގޮތުން ކަމަށެވެ. އެހެން ކަމުން މިހާރު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ އުވިފައިވާ އިސްލާހެއް ކަމަށާއި އެ ގާނޫނުން މިހާރަށް ބޭނުން ކުރެވޭނީ އެ ގާނޫނުގެ އެންމެ ދެ މާއްދާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ނުވަތަ ސަރުކާރުން އެހީވެގެން ތަޢުލީމް ހާސިލްކުރާ ފަރާތްތައް އޭގެ އަގު ނުވަތަ އޭގެ ބަދަލު ސަރުކާރަށް ދެއްކޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން އެ ގާނޫނު އުވާލުމުގެ ބަދަލުގައި އެއަށްވުރެ ފުޅާކޮށް ވިސްނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ގާނޫނުތަކުގެ އުވިފައިވާ މާއްދާތަށް އުވާލުމަށް ސަރުކާރުން ހުށަހަޅަނީ ސަރުކާރުގެ ބާރު ދެއްކުމަށް ކަމަށެވެ. އަދި އިސްލާޙް ހުށަހަޅާފައިވާ ގާނޫނަކީ އެއްކޮށް އުވާލަން ޖެހޭ ގާނޫނެއް ކަމަށް ޣަފޫރު ވިދާޅުވި އެވެ. އަދި އެ ގާނޫނަށް އަމަލު ނުކޮށްގެން އެއްވެސް ފަރާތަކާ ދެކޮޅަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ، މިއަދު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނެއްގެ އުވިފައިވާ މާއްދާއަކަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެފަދަ ގިނަ އިސްލާހުތަކެއް ކުރިއަށް އޮތް ދުވަސް ތަކުގައި މަޖިލީހަށް ހުށަހެޅިގެން ދާނެތީވެ އެފަދަ އިސްލާހުތަކަށް ބަހުސްކުރުމުގައި މަޖިލީހުގެ ވަގުތު ދުއްވާނުލައި އެފަދަ މަސައްކަތްތައް އަވަހަށް ނިންމަން ޖެހޭ ކަމަށް ވިދާޅުވި އެވެ.