10 Jan 2011, 13:11
ވޭތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް އައި އަށް ލައްކަ ޓޫރިސްޓުންގެ ތެރެއިން ދެ ލައްކަ ޓޫރިސްޓުން ރާއްޖެ ގެނެސްފައި ވާނީ މޯލްޑިވިސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޝަންސް [މަޓާޓޯ] އަށް ނިސްބަތްވާ ޓްރެވަލް އެޖެންޓުން ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
މަޓާޓޯ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޖަމިއްޔާގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތެރެއިން 50 ޕަސަންޓު ޓޫރިސްޓުންނަކީ ދިވެހި ޓްރެވަލް އެޖަންސީތައް މެދުވެރިވެގެން ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހެދުން ކަމަށެވެ. އަދި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން އެ ޖަމިއްޔާ އިން ދަނީ ބޭރުގެ ޓްރެވަލް ފެއާތަކުގައި ބައިވެރިވުމާއި މަޓާޓޯ ޓްރެވަލް ގައިޑު ނެރުމާއި ބޭރުގެ ޓްރެވެލް އެޖެންސީތަކާ ގުޅުންބަދަހި ކުރުން ފަދަ ކަންތައްތައް ކުރަމުން ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ އަހަރު މަޓާޓޯގެ ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް ރާއްޖެއަށް އައި ޓޫރިސްޓުންގެ ތެރެއިން 60 ޕަސަންޓު ޓޫރިސްޓުންނަކީ ޔޫރަޕްގެ ޓޫރިސްޓުން ކަމަށާއި 35 ޕަސަންޓު ޓޫރިސްޓުންނަކީ އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުން ކަމަށް މަޓާޓޯ އިން ބުނެ އެވެ. އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ޗައިނާގެ މާކެޓަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހު ރާއްޖެ އަށް 750،000 ވަނަ ޓޫރިސްޓު އައުމާ ގުޅިގެން މޯލްޑިވިސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން އެކަން ފާހަގަކޮށްފައިވެ އެވެ. މިއީ ރާއްޖެ އަށް މިހާ ގިނަ އަދަދަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި ޓޫރިސްޓުން އައި ފުރަތަމަ ފަހަރެވެ.