ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.

މުހައްމާ އަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިހަވަންދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ.

މިރޭ މުލިއާގޭގައި ބޭއްވި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ، މަޖިލިސް މެމްބަރުން ޕީޕީއެމްއާ ގުޅިވަޑައިގަންނަވަނީ ސަރުކާރުން ކުރާ މަސައްކަތްތަކުން އިގްތިސާދީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

" މުހައްމަދު އަބްދުﷲ ވެސް އަޅުގަނޑުމެންގެ ޓީމާ ގުޅިވަޑައިގަތީ ހަމަ ހަގީގަތުގައިވެސް އަތޮޅުތަކަށް އަންނަންވާ ތަރައްގީއާ އިގްތިސާދީ ގޮތުން ވަކި ފަރުދުންގެ ޖީބަށް އަންނަ ޖެހޭ ތަނަވަސްކަން އަންނާނީ އިގްތިސާދަށް ހުސްވެފައިއޮތް ސަރުކާރެއް އޮވެގެން ކަމަށް ގަބޫލުކުރެވޭތީ،" ރައީސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުހައްމާ ވިދާޅުވީ، މަޖިލިސް ގޮނޑިއަށް ކޯލިޝަން ތެރެއިން އޭނާ ވާދަކުރެއްވީ ޕީޕީއެމްގެ ސަރުކާރާ އެކު މަސައްކަތްކުރާނެ ކަމުގެ ވައުދާއެކު ކަމަށާއި އެހެން ކަމުން އެދާއިރާގެ ރައްޔިތުންވެސް ބޭނުންވަނީ ސަރުކާރާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ.

މުހައްމާ ވިދާޅުވީ، އޭނާ ޕީޕީއެމާ ގުޅިވަޑައިގަތުމަށް އެންމެ ބޮޑަށް ބޭނުންވި އެއް ސަބަބަކީ ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް މިހާރު ކުރަމުންދާތަން ފެންނާތީ ކަމަށެވެ.

" ރައްޔިތުންގެ އެދުމާ އެއްގޮތަށް، ރައްޔިތުންގެ ޝުއޫރާއި އެއްގޮތަށް މަސައްކަތްކުރުން އެއީ އަޅުގަނޑުގެވެސް އެންމެ ބޮޑު އެއް ބޭނުން. އަދި ވަކިން ހާއްސަކޮށް މިއަދު ހިނގަމުންދާ ވެރިކަމުގައި ރައީސް ޔާމިންގެ ފަރާތުން އިގްތިސާދީ ސިޔާސަތު ކުރިއަށްދާ ގޮތާއި ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް ކުރާތަން ފެނުމަކީ އަޅުގަނޑު ހަމަ ގައިމުވެސް ޕީޕީއެމްއާ ގުޅުނު އެންމެ ބޮޑު ސަބަބު، " މުހައްމާ ވިދާޅުވި އެވެ.

މުހައްމާ ޕީޕީއެމަށް ސޮއި ކުރެއްވުމާ އެކު އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގައި 43 މެމްބަރުން ތިއްބަވާނެ އެވެ. މިއީ މަޖިލީހުގެ ސާފު އަޣްލަބިއްޔަތެވެ. އަދި އެ ޕާޓީއާއެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރައްވަމުން އަންނަ އެމްޑީއޭގެ ޕާލަމެންޓްރީ ގުރޫޕްގައި ފަސް މެމްބަރުން ތިއްބަވައެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި 15 މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް އޭގެ ތެރެއިން ދެ މެމްބަރަކު ވަނީ މީގެ ކުރިން ވެސް ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އެހެންކަމުން މިހާރު ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގައި ތިއްބެވީ 12 މެމްބަރުންނެވެ. އަދި ސަރުކާރާ އިދިކޮޅު އެމްޑީޕީގައި ތިއްބެވީ 24 މެމްބަރުންނެވެ.