މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޑައިރެކްޓާ ޖެނެރަލް އޮފް ކައުންޓާ ޓެރަރިޒަމްގެ މަގާމަށް ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުޙަންމަދު ނާޒިމް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

މިއަދު ޑިފެންސް މިނިސްޓަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑައިރެކްޓާ ޖެނެރަލް އޮފް ކައުންޓާ ޓެރަރިޒަމްގެ މަގާމަށް ހަމަޖައްސަވާފައި ވަނީ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ކައުންޓާ ޓެރަރިޒަމްގެ މައިގަނޑު މަސްއޫޫލިއްޔަތަކީ ކައުންޓާ ޓެރަރިޒަމާ ބެހޭ ސިޔާސަތުތައް އެކުލަވާލުމާއި ކައުންޓާ ޓެރަރިޒަމާއި ބެހޭގޮތުން ޑިފެންސް މިނިސްޓަރަށް ލަފާ އެރުވުމެވެ. އަދި ޑިފެންސް މިނިސްޓްރީގެ ލަފަޔާއި އިރުޝާދާއެކު ކައުންޓާ ޓެރަރިޒަމްގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރުމެވެ.

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަކީ އެމްއެންޑީއެފްގެ ތަފާތު މަތީ މަޤާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފަހުން ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމުގައެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑްގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވައި ކޯސްޓްގާޑް ކޮމަޑާންޓްގެ މަގާމްވެސް ވަނީ ފުރުއްވާފައެވެ.

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް މަގާމްގެ ލިއުން ހަވާލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމާއި ޑައިރެކްޓާ ޖެނެރަލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.