09 Jul 2014, 19:51
ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރެއްވުމަށް އެ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ބާއްވާ އެ ކޮމެޓީގެ ބައްދަލުވުމަށް މިނިސްޓަރު ޑރ. ޝަކީލާ ހާޒިރުކުރެއްވުމަށް ފާސްކޮށްފައި ވަނީ ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންކަމަށެވެ.
"ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ހެލްތު މިނިސްޓަރު ކޮމެޓީއަށް ހާޒިރު ކުރެއްވުމަށް ފާސްކޮށްފައި ވަނީ. ޕީޕީއެމް އާއި އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭގެ މެމްބަރުން ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާފައި،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ޑރ. ޝަކީލާ އެ ކޮމެޓީއަށް ހާޒިރުކުރެއްވުމަށް ނިންމާފައި ވަނީ ޏ. އަތޮޅު ކައުންސިލުން އެ ކޮމެޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ބުދަ ދުވަހު ބާއްވާ ކޮމެޓީ ބައްދަލުވުމުގައި ސިއްހީ ކަންތައްތައް ހިނގާ ގޮތާ ގުޅޭގޮތުން މެމްބަރުން މިނިސްޓަރާ ސުވާލު ކުރައްވައި އެކަމުގެ މައުލޫމާތު ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް އަށް އެ ކޮމެޓީގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނަމުން އަންނަ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމާއި ރައްޔިތުން ކަންބޮޑުވާ ކަމެއްވާނަމަ އެކަމަކާ ގުޅިގެން މަޖިލީހުން ކުރެވެން ހުރި ކަންތައްތައް ޕީޕީއެމް އިން ކުރާނެ ކަން މިއަދު އެނގިގެންދާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.