މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލުމުގެ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް ފުލުހަކަށް މަރުގެ އިންޒާރު ދިންކަމުގެ ދައުވާ އުފުލައިފިއެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2012 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމާ ދިމާކޮށް މާލޭގައި އެމްޑީޕީން ކުރި މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގި ސަރަހައްދުގައި އުޅުނު ފުލުހަކަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ ހުމާމް ގެންގުޅުނު ވަޅިއެއް ފުލުސް މީހާއާ ދިމާލަށް އޭނާ އެއްލާލި ކަމަށާއި އަދި އެ ފުލުސް މީހާގެ ކަރު ބުރިކޮށްލާނެ ކަން އިޝާރާތުން ހުމާމް ދައްކާފައިވާ ކަމަށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން ހުމާމް ބުނީ ދައުވާގައި އެގޮތަށް ބުނެފައި އޮތް ނަމަ އެކަން ކުރެވިފައިވާނެ ކަމަށެވެ.

ހުމާމް ބުނީ އެ މައްސަލައިގެ ތަހުގީގު ހިންގިކަން އޭނާ އަށް އެނގިފައިނުވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ގާޒީ ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ހުމާމް ދައުވާއަށް އިއުތިރާފްވުމުން އިތުރަށް ހެކި ހުށަހަޅަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ހުމާމްގެ އިއުތިރާފާ މެދު ގޮތެއް ނިންމުމަށްފަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ.
އެ ދައުވާގެ އިތުރުން ފުލުހަކަށް ހަމަލާދިނުމުގެ ދައުވާ ވެސް ހުމާމްގެ މައްޗަށް ވަނީ އުފުލައިފައެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ ތަފާތު އެކި މައްސަލަތައް ޝަރީއަތަށް ސާބިތުވެގެން އޭނާ އަށް ވަނީ ޖުމްލަ ނުވަ އަހަރުގެ ޖަލުހުކުމް އިއްވާފައެވެ.