މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓު އޮފީހުން "ވައިޓް އެލާޓް" ނެރެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު 11 އިން ހަވީރު 5:00 އަށް އެލާޓް ނެރެފައިވާ ކަމަށެވެ. އަދި ވައިޓް އެލާޓް މިއަދު ނެރުނީ މޫސުން ގޯސްވެ ވައިގަދަވެ ކަނޑުގަދަވުމާއި ގުޅިގެން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

މެޓް އޮފީހުން މޫސުމާ ބެހޭ ކަންކަމުގައި ނެރޭ ދެ އެލާޓަކީ ހުދާއި ރީނދޫ އެލާޓެވެ. ހުދު އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. ރީނދޫ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ.

މެޓު އޮފީހުން ބުނީ ރާއްޖޭގެ ސަރހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 10:55 ހާއިރު 41 މޭލަށް ވައިގަދަވެފައިވާ ކަމަށް ވެސް މެޓުން ބުނެ އެވެ.

އަދި ކުރިއަށް އޮތް 48 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސަރަކޮށް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރެވެހި ވައިގަދަވާނެ ކަމަށް މެޓުން ބުނެ އެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި އެވްރެޖްގޮތެއްގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުގަދަވާނެތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އެދެ އެވެ.