އެކިއެކި ޗެނަލްތަކުން ބްރޯޑްކާސްޓްކުރާ ތަކެތި ރިބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

އެކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ސަން އަށް މިއަދު ވިދާޅުވީ މާދަމާ ހުޅުވާލަން ކޮމިޝަނުން ނިންމާފައި ވަނީ މާލެ ސަރަހައްދަށާއި މުޅި ރާއްޖެ އަށް ރިބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ކަމަށެވެ.

އެގޮތަށް އެކަން ކުރަން ނިންމާފައި ވަނީ އެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... މިގޮތަށް ނިންމީ މިސިނާއަތް އިތުރަށް ތަރައްގީކޮށް ކުރިއަރުވުމާ އެކު ވާދަވެރި މާހައުލެއްގެ ތެރެއިން ހެޔޮ އަގުގައި ރަނގަޅު ފެންވަރުގެ ހިދުމަތެއް އާއްމު ރައްޔިތުންނަށް ލިބިދިނުމުގެ މަގު ފަހިކޮށްދިނުމަށް،" ޝަހީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން 90 ދުވަހަށް ހުޅުވާލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދަށް ރިބްރޯޑްކާސްޓްކުރުމުގެ ލައިސަންސް މިހާރު އޮންނަނީ ހަމަ އެކަނި މީޑިއާނެޓަށް އެކަންޏެވެ.