09 Jul 2014, 16:33
ބްރޯޑްކާސްޓިން ކޮމިޝަނުން ލިސްޓްކޮށްފައިވާ ވޯލްޑްކަޕް މެޗްތައް، ރައިޓްސް ނެތް ފަރާތްތަކުން ނުދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓަށް ކޮށްފައިވާ އަމުރު ބާތިލުކޮށްދިނުން އެދި އެ ކުންފުނިން ކޯޓަށް ހިނގައްޖެ އެވެ.
މީޑިއާނެޓްގެ ގާނޫނީ ވަކީލު މިއަދު ސިވިލްކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސިޓީ އިން އަންގާފައިވާ އެންގުމަކީ ގާނޫނު އަސާސީއާއި ގާނޫނާ ހިލާފަށް އަންގާފައިވާ އެންގުމެއް ކަމަށް ކަނޑައަޅުއްވައި ދެއްވުން އެދޭ ކަމަށެވެ.
ބްރޯޑްކާސްޓް ކޮމިޝަނުގެ އެންުގުމަށް ތަބާ ވެވެން ނެތް ކަމަށް ބުނެ މީޑިއާ ނެޓުން ކުރިން ވަނީ ސިޓީއަކުން ބުނެފަ އެވެ.
މީޑިއާނެޓްގެ ގާނޫނީ ކަންކަމާ ބެހޭ ފަރާތް ކަމަށްވާ ސުއޫދު އެންޑް އަންވަރު ލޯ ފާމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ކަނޑައަޅާފައިވާ "ލިސްޓެޑް އިވެންޓް"އެއް ދެއްކުމަކީ، އެފަދަ އިވެންޓެއްގެ "ކޮންޓެންޓް" އެހެން ޓީވީ ޗެނަލަކުން ދެއްކުން ކަމަށާއި އެގޮތުން ޓީވީއެމުން މިފަހަރުގެ ވޯލްޑް ކަޕްގެ ފީޑް ދެއްކުން އެއީ އޭގެ މިސާލެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މި އަހަރު ބްރެޒިލްގައި އޮންނަ ވޯލްޑް ކަޕަކީ ލިސްޓެޑް އިވެންޓެއްގެ ގޮތުގައި އިއުލާންކޮށްފަ އެވެ. އަދި ކޮމިޝަނުން ކަނޑައެޅި މުއްދަތުގެ ތެރޭގައި އެ އިވެންޓް ނެގި ކަމަށް ކޮމިޝަނަށް އަންގާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޓީވީއެމް ވީޓީވީ އިން އެކަންޏެވެ. އެހެން ކަމާ އެކު އެ ދެ ފަރާތް ނޫން ފަރާތަކުން ވޯލްޑް ކަޕް ނުދެއްކުމަށް ވެސް ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
ނަމަވެސް ޓީވީއެމް އާއި ވީޓީވީގެ އިތުރަށް، ކޭބަލް އޮޕަރޭޓަރު، މީޑިއާ ނެޓުން ވެސް އަންނަނީ ވޯލްޑް ކަޕްގެ މެޗުތައް ދައްކަމުންނެވެ.
ލިސްޓްކޮށްފައިވާ އިވެންޓެއް ރައިޓްސް ނެތް ކަމަށް ބުނާ ބަޔަކު ދައްކާތީ އެތައް ސޮޕަންސަރުންގެ ހައްގުތަކާއި އަދި ރަސްމީކޮށް ރައިޓްސް ނެގި ދެ ޓީވީ ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.