އެމެރިކާ އިން ހޯދަމުންދިޔަ ރަޝިއާގެ ހެކަރެއް ކަމަށްވާ ރޯމަން ވެލެރެވިކް ސެލެޒްނޯވް ހައްޔަރުކޮށް، އޭނާ ރާއްޖެއިން ފޮނުވާލީ ބައިނަލް އަގުވާމީ ފުލުހުންގެ މައި އިދާރާ އިންޓަޕޯލުން ނެރެފައިވާ ރެޑް ނޯޓިސްއަކަށް އަމަލު ކުރުމުގެ ގޮތުން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ސެލެޒްނޯވް ހައްޔަރުކޮށްފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އޭނާ ހައްޔަރުކޮށް އެމެރިކާގެ ސީކްރެޓް ސާވިސް އިން ވަނީ ޕްރައިވެޓް ޖެޓަކަށް އަރުވައިގެން ޕެސިފިކް ކަނޑުގައި އޮންނަ ގުއާމް ނަމަކަށް ކިޔާ ރަށަކަށް ގެންގޮސްފަ އެވެ. ރާއްޖެއިން ހައްޔަރުކޮށްގެން އެމެރިކާއިން ގެންދިޔަ މީހާއަކީ ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ދަރިއެކެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ އިންޓަޕޯލުން ނެރޭ ރެޑް ނޯޓިސްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ސަމާލުކަން ދެމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަންކަން ސީރިއަސްކަމާއެކު ބަލައި ދިވެހި ސަރުކާރުން ފިޔަވަޅު އަޅަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.

އިންޓަޕޯލްގެ ރެޑް ނޯޓިސްއަށް އެ މީހާ ހައްޔަރުކޮށް، އޭނާ ރާއްޖެއިން ފޮނުވާލުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެފަދަ މައްސަލަތަކުގައި ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތަށް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

"ރަޝިޔާގެ ރައްޔިތަކާ ދެކޮޅަށް އިންޓަޕޯލުން ނެރެފައިވާ ރެޑް ނޯޓިސްއަކާ ގުޅިގެން ޖުލައި 5، 2014 ގައި އެ ފަރާތްވަނީ ދިވެހި ރާއްޖެއިން ފޮނުވާލެވިފަ އެވެ. މިކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން އަމަލުކޮށްފައި ވަނީ މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި އަމަލު ކުރަމުން އަންނަ އުސޫލާ އެއްގޮތަށް ކަމަށް ދަންނަވަމެވެ،" ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެއަކީ ބައިނަލް އަގުވާމީ މުއާހަދާތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ ގައުމެއް ކަމަށް ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ އެކުވެރި ގައުމުތަކާ އޮންނަ ގުޅުން ދެމެހެއްޓުމަށް ކަމަށެވެ.