ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާ ބެހޭ މަޢުލޫމާތު އެއްކުރުމުގެ ގޮތުން "ނެޝެނަލް އެމްޕްލޯއީ ރަޖިސްޓްރީގެ" ނަމުގައި އަންނަ ހަފްތާގައި ސާވޭ އެއް ކުރަން ހިއުމަން ރިސޯސް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕްރޮގްރާމް އޮފިސާ އައިޝަތު ނަފާ މުހައްމަދު މިއަދު ވިދާޅުވީ ސާވޭގެ މަސައްކަތް މާލެ ކައިރި ސަރަހައްދުތަކުގައި އަންނަ ހަފާތާގެ 16 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލެ، ވިލިނގިލި، ހުޅުމާލެ، ހުޅުލެ އަދި ތިލަފުށީގައި އެ ސާވޭގެ ކަންތައް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަފާ ވިދާޅުވީ އެ ސާވޭ ކުރުމަށް 200 އެއްހާ މީހުން ބޭނުންވާ ކަމަށާއި ނަމަވެސް މިހާތަނަށް ލިބުނީ 144 މީހުން ކަމަށެވެ.

ނަފާ ވިދާޅުވީ އެ ސާވޭ މާލޭގައި ފަށާތާ ހަފްތާއެއް ފަހުން އަތޮޅު ތެރޭގައި ވެސް އެ ސާވޭ ފަށާނެ ކަމަށެވެ. އަދި ޕްރޮވިންސް އޮފީސްތަކާ ގުޅިގެން ކުރިއަށްގެންދާ އެ ސާވޭގެ ނަތީޖާ ސާވޭ ނިމޭތާ އެއް ދުވަސް ތެރޭގައި އިޢުލާން ކުރާނެ ކަމަށް ނަފާ ވިދާޅުވި އެވެ.

ހިއުމަން ރިސޯސް މިނިސްޓްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް އެ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ ޚިދުމަތްތައް ހަލުވިކަމާ އެކު ރަނގަޅު ފެންވަރެއްގައި ފޯރުކޮށް ދެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ.

ހިއުމަން ރިސޯސް މިނިސްޓްރީން ބުނީ މީހުން މަސައްކަތް ކުރާ ދާއިރާތަކާއި ވަޒީފާތަކާ ބެހޭ މަޢުލޫމަތު އެއްކޮށް އެ މަޢުލޫމާތު ގަވާއިދުން ލިބެމުންދާނެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެ މަޢުލޫމަތު އެއްކުރުމަށްޓަކައި ވާޒީފާދޭ ފަރާތްތަކުން އެ ފަރާރްތަކުގެ ވަޒީފާގައި އުޅޭ ދިވެހި އަދި ބިދޭސީ ވަޒީފާ އަދާކުރާ ފަރާތްތަކުން 31 ޖެނުއަރީގެ ކުރިން އެމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ވަނީ ހިއުމަން ރިސޯސް މިނިސްޓްރީން އިއުލާން ކޮށްފަ އެވެ.