ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް) އިން ސަރުކާރުގެ އިލެކްޓްރިކް ކުންފުނި ސްޓޭޓް އިލިކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަ ޑްރާފްޓް ފެސިލިޓީ (އޯޑީ) ގެ މުއްދަތު އިތުރު ކުރުމުގެ މާލިއްޔަތު ކޮމެޓީއިން ފާސް ކޮށްފި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެގޮތަށް ފާސް ކުރުމަށް ހުށަހެޅުމުން އެކަމަށް ތާއީދު ކޮށްފައިވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އެގޮތަށް ކޮމެޓީން ފާސް ކުރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެނެންވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ ސްޓެލްކޯއަށް އޯޑީ ދޭންޖެހޭ ސަބަބަކީ ކަރަންޓަކީ އަސާސީ ބޭނުމަކަށް ވުން ކަމަށެވެ. އަދި ސްޓެލްކޯ ހިނގަމުންދާގޮތާއި މެދު ކަންބޮޑުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ ލޯނަށް ސަރުކާރުން ފުރަތަމަ ގެރެންޓީ ދީފައި ވަނީ ސެޕްޓެމްބަރު 1، 2009ގައި ކުރީގެ މަޖިލީހުން ފާސްކޮށްގެންނެވެ.

ނަމަވެސް އެ ގެރެންޓީގެ މުއްދަތު މިދިޔަ އަހަރުގެ މާޗް 31 އަށް ހަމަވުމުން އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުށަހަޅުއްވައިގެން މަޖިލީހުން ވަނީ އެ ލޯނުގެ ގެރެންޓީ މިއަހަރުގެ މާޗު 31 އިތުރުކޮށްފަ އެވެ. މަޖިލީހުން ދީފައިވާ މުއްދަތު ފަހަނައަޅައިފައި ވާތީ، އެ މުއްދަތު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވަނީ ނިމިދިޔަ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ރައީސް ޔާމިންގެ ހުށަހެޅުމަށް ގޮތެއް ނުނިމިވަނިކޮށް، އެ މަޖިލީހުގެ ދައުރު ހަމަވީ އެވެ.

ސްޓެލްކޯގެ 50 މިލިއަން ރުފިޔާގެ އޯޑީގެ ގެރެންޓީގެ މުއްދަތު އިތުރު ކުރަން ރައީސް ޔާމިން ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މާލިއްޔަތު ގާނޫނުގެ ދަށުން ސަރުކާރުން ދީފައިވާ ގެރެންޓީގެ މުއްދަތު އިތުރު ކުރަން ހުށަހެޅީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ. ސުޓެލްކޯއިން ބުނީ އޯޑީގެ މުއްދަތު އިތުރުކޮންދޭންޖެހޭ ސަބަބަކީ ސަރުކާރުގެ އިދާރާތަކުންނާއި އެންސްޕާއިން ލިބެންޖެހޭ ފައިސާ ސްޓެލްކޯއަށް ނުލިބޭތީ ކަމަށެވެ.

މިއަދު ކޮމެޓީގައި ވާހަކަފުޅު ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ ސުޓެލްކޯއަށް އޯޑީ ދިނުމަށް ތާއީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހުރިހާ މެމްބަރުން ސްޓެލްކޯ ހިންގުމުގައި މައްސަލަތައް ހުރި ކަން ފާހަގަ ކުރައްވާފައިވެ އެވެ.