09 Jul 2014, 14:41
ދިހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު 2012 ވަނަ އަހަރު އަތުލައިގަތް މީހަކު ބަންދުން ވީއްލިފައި ހުއްޓައި އަނެއްކާވެސް މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހ. ކަހަފަތި ގެއިން ހަތަރު މީހަކު ހައްޔަރުކޮށް، އެގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އަށް ބްލެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 42 ރަބަރު ޕެކެޓުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ޑިޖިޓަލް ކައްޓާއެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއްގެ އިތުރުން 22 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ ކަހަފަތި ގެއިން ރޭ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނޭ އިލްޔާސް އަހުމަދު 30، އަކީ އިންޑިއާގެ ޓުޓްކޮރިން އިން ރާއްޖެ އައި "ސިލްވާ ކްލައުޑް" ނަމަކަށް ކިޔާ އިންޑިއާގެ ލަކުޑި ބޯޓަކުން 10 ކިލޯއެއްހާ މަސްތުވާތަކެއްޗާ އެކު 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނޭ މީހެއް ކަމަށެވެ. އޭނާއަކީ ގޭ ބަންދުގައި ހުއްޓައި މާލެ ތެރޭ ނުކުމެ އުޅޭތީ ދެ ވަނަ ފަހަރަށް ކޯޓަށް ގެންދުމުން ވެސް ގޭ ބަންދަށް ބަދަލު ކޮށްފައި ހުރި މީހެކެވެ. އަދި ތަފާތު އެކި މައްސަލަތަކާ ގުޅިގެން ހަ ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތިން ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި ދައުވާކުރަން ޕީޖީ އަށް ފޮނުވާފަވާ އިރު އޭނާގެ މައްޗަށް ތަފާތު ދެ މައްސަލައެއްގައި ވަނީ ހުކުމްކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.
މަސްތުވާތަކެތީގެ މައްސަލަ އާއި ގުޅިގެން ރޭ ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނޭ 32 އަހަރުގެ މީހާއަކީ ތަފާތު އެކި މައްސަލަތަކާއި ގުޅިގެން 12 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަ ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އޭނާގެގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފަ ވާއިރު އޭނާގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.