09 Jul 2014, 13:38
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި ފެހުންތެރިޔާ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 5652 މިރުފަތު ހަނީފް އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މިރުފަތުގެ މައްޗަށް ކުށް ސާބިތުވިނަމަވެސް އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރީގެ ކުރީގެ ފިލްމީތަރި މ. މާހާލްހުޅަނގުބައި އިބްރާހީމް ޣިއާސް (ދާސް) ގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
މިރުފަތު ހަނީފްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:08 އެހައިކަށްހާއިރު ގ. ކަމަދޫގޭގައި އޭނާ ދިރުއުޅޭ ކޮޓަރިތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެގެއަށް ވަނުމާއެކު ހަނީފް ކޮޓަރީގެ ދޮރު ލެއްޕުމުން ފުލުހުން ދޮރުހުޅުވައި ބެލިއިރު ދާސް އާއި ހަނީފް އެ ކޮޓަރިތެރޭގައި ހުރި ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އެވަގުތު އެދެ މީހުންގެ ހާޒިރުގައި އެ ކޮޓަރިތެރެ ބަލައި ފާސްކުރި އިރު އެ ކޮޓަރިތެރޭގައި ހުރި އަލަމާރީގެ ވަތްގަނޑުގެ ތެރޭގައި އޮތް ޓިޝޫގަނޑެއްގެ ތެރެއިން ބްލެޓު ސައިޒުގެ ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އަލަމާރީގެ ވަތްގަނޑު ތެރޭގައޮ އޮތް ލަކުޑި ފޮއްޓެއްގެ ތެރެއިން 15 ޕެކެޓާއި ޓޭޕްއޮޅާފައި އޮތް ރަބަރު ކޮޅެއް ފެނިވައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެތަކެތި ލެބޯޓަރީގައި ތަހުލީލު ކުރި އިރު އޭގައި 11.9399 ގްރާމް ޑައިމޯފިން ހުރިކަން ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
މިރުފަތު ހަނީފް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އޭނާ އަށް ވަނީ އަންގައިފައެވެ.
އެ ހާދިސާގައި އެ ދެ މީހުންގެ އަތުން ފެނިފައިވާ ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެ ފައިސާތައް ދައުލަތަށް ނަގައިދެވެން ނެތް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.