09 Jul 2014, 13:14
ވިއްސާރަވެ ކަނޑުގަދަ ވުމާ ގުޅިގެން ހުޅުމާލެ އާއި މާލެ ދެމެދު ދަތުރުކުރާ ފެރީތަކަށް "ބުރޫ" އަރައިފި އެވެ.
އެމްޓީސީސީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަނޑުގަދަ ވުމާ ގުޅިގެން ފެރީތައް ދަތުރުކުރަމުން ދަނީ ހަމަ ޖެހިފައިވާ ތަވާލާއި އެއްގޮތަށް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ކަނޑުގަދަވެ، އޮއި ބާރުވުމުގެ ސަބަބުން ހުޅުމާލެ ފަޅުތެރޭގައި ފެރީ ކައިރި ކުރުމަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށާއި އެހެން ކަމުން ދަތުރުކުރުމުގައި އުނދަގޫތަކާއި ކުރިމަތިވާ ކަމަށެވެ.
"ކަނޑުގަދަވެ އޮއިބާރުވުމުން ފެރީކައިރި ކުރަން އުނދަގޫތަކެއް ކުރިމަތިވޭ. މި ފަޅުގެ ބޭރު ތޮށިގަނޑު ނެތުމުން އޭގެ ދަތިކަން ދިމާވަނީ. މިއަދު ވެސް ފެރީތައް ޝެޑިއުލާއި އެއްގޮތަށް ދަތުރުނުކުރެވުނީ އެހެންވެ. ލަސް ލަހުން ނަމަވެސް ފެރީދަތުރުތައް ކުރަމުންދަނީ،" އޮފިޝަލު ވިދާޅުވި އެވެ.
ސަންއާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ފެރީދަތުރުތައް ލަސްވުމާ ގުޅިގެން އެމީހުން މާލެ އައީ ބަހުގައި ހުޅުލެއަށް ގޮސް، ހުޅުލެ ފެރީން ކަމަށެވެ.