ކުށްކުރާ މީހުންނަށް ބައެއް ގާނޫނީ ވަކީލުން އެހީތެރިވެދޭ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަދި ޕްރޮޕެޓީ ކްރައިމްގެ ހެޑް މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޖަމްޝީދު މިއަދު ވިދާޅުވީ ގާނޫނުގައި ހުންނަ ލޫޕް ހޯލްތައް ބޭނުންކޮށްގެން ކުށްކުރާ މީހުން ސަލާމަތް ކުރުމަށް ބައެއް ވަކީލުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ހަރަކާތްތެރި ވަނީ އާންމުކޮށް އެއްބައެއް ކަމަށާއި އެމީހުންގެ މަސައްކަތް ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެފަދަ ވަކީލުން އެބަ ބުނޭ މިވެނި ގޮތަކަށް ކަންތައް ކުރާށޭ އޭރުން ސަލާމަތްވާނެޔޭ. ދެން ހަމަ އެ ކުށްކުރާ މީހާގެ ވަކީލަކަށް މި އަންނަނީ އެއްކަލަ ލަފާދިން ވަކީލު. ގާނޫނުގެ ލޫޕް ހޯލްތަށް ބޭނުންކޮށްގެން އެމީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަނީ،" ޖަމްޝީދު ވިދާޅުވި އެވެ.
ޖަމްޝީދު ވިދާޅުވީ ވަކީލުން ވެސް އެ އޮންނަ މިންގަނޑެއްގެ ތެރޭގައި މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ވަރަށް ފުޅާ ދާއިރާއެއްގައި ބޮޑެތި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މިދިޔަ އަހަރު ފޭރުމުގެ ކަންތައް ހިންގާފައިވާ ކަމަށެވެ. އަދި އެކަންތައް ހައްލު ކުރުމަށް ފުލުހުން ވަރަށް ހާއްސަ ހަރަކާތްތަކެއް ވެސް ހިންގަމުން އަންނަ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.