09 Jul 2014, 12:35
އިކޮނަމިކް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ވިޔަފާރި ތަރައްގީ ކުރުމަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި "ބިޒްނަސް ޑިވަލޮޕްމެންޓް ސާވިސް ސެންޓަރު" ތަކެއް މިއަހަރުތެރޭ ގާއިމް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެ މިނިސްޓްރީން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށްޓަކައި އައްޑޫ ސިޓީގެ ހިތަދޫއާއި ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރުގައި ބިޒްނަސް ޑިވަލޮޕްމެންޓް ސާވިސް ސެންޓަރުތަކެއް މިއަހަރުތެރޭ ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހިތަދޫގައި ބިޒްނަސް ޑިވަލޮޕްމެންޓް ސާވިސް ސެންޓަރު ގާއިމް ކުރުމުގެ އެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށެވެ.
"ވިޔަފާރި ތަރައްގީކުރުމަށް މިނިސްޓްރީންދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ތިން ސަރަހައްދެއްގައި ބިޒްނަސް ސާވިސް ސެންޓަރު ތަކެއް މިއަހަރުތެރޭ ގާއިމް ކުރެވޭނެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ، ހދ. ކުޅުދުއްފުށި، އަދި ޅ. ނައިފަރުގައި މިފަދަ ސެންޓަރުތަކެއް މިއަހަރު ހުޅުވޭނެ. އަދި އައްޑޫ ސިޓީ ހަތަދޫގައި ގާއިމްކުރާ ސެންޓަރު ގާއިމް ކުރުމުގެ އެއްބަސްވުމުގައި ޖުލައި މަހުގެ ތެރޭގަ ސޮއި ކުރެވޭނެ" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އެ ތިން ސަރަހައްދުގައި ގާއިމްކުރެވޭ ބިޒްނަސް ސާވިސް ސެންޓަރުތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ދޭންޖެހޭ ފަންނީ ހުނަރާއި ޓްރޭނިން ޕްރޮގުރާމްތައް ހިންގުމުގެ އިތުރުން ވިޔަފާރި ހިންގުމަށް ބިޒްނަސް ކޮންސަލްޓެންސީ ދިނުން ފަދަ ޚިދުމަތްތައް އެތަންތަނުން ފޯރުކޮށްދެވޭނެ ކަމަށެވެ.
އެ ސެންޓަރުތަކުގައި ޚިދުމަތް ފޯރުކޮށްދޭނީ ކަމުގެ ފަންނީ މާހިރުން ކަމަށާއި އޭޑީބީ ޕްރޮޖެކްޓްގެ ތެރެއިން އެފަދަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ހިންގޭ ޕްރޮގުރާމްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެ މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމްގެ ދަށުން މިހާތަނަށް 34 ފަރާތަކަށް މާލީ އެހީ ދެވިފައިވާ ކަމަށާއި އިތުރު އެހެން ފަރާތްތަކަށް ވެސް އެހީ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިޔަފާރިތައް ތަރައްގީ ކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލިބިފައިވާ ލޯން ސްކީމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދެމުންދާ ފަރާތްތަކަށް ލޯން ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަލަށް ވިޔަފާރިފަށަން ބޭނުންވާ ފަރާތްތަކަށް ދިމާބވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލޯން ނަގާއިރު ރަހުނު ބަހައްޓަން ޖެހުން ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް މިނިސްޓްރީގެ ފަރާތުން ކްރެޑިޓް ފެސިލިޓީޒް ސްކީމެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި ރަށަކަށް އަމާޒްކޮށްގެން އެއް ވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދާ ކަމަށައި އެ މިނިސްޓްރީގެ މެންޑޭޓަކީ މުޅި ރާއްޖޭގެ ވިޔަފާރި ތަރައްގީކޮށް ކުރިއެރުވުން ކަމަށެވެ. އެހެން ކަމުން އެ މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީ އަށް ޚާއްސަކޮށްގެން ވަކި މަޝްރޫއުތަކެއް ކުރިއަށް ނުގެންދާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.