ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު ޖޭއެސްސީގައި އިންނަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އެވެ. އޭނާ އަކީ މިހާރު އެ ކޮމިޝަންގެ ނައިބު ރައީސެވެ.

ދަށު ކޯޓުތަކުން އައްޔަން ކުރާ ފަނޑިޔާރެއްގެ އިތުރުން އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ އާންމުންގެ ތެރެއިން ކަނޑައަޅާ ބޭފުޅަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރަކާއި ދައުލަތުގެ ބަންޑާރަ ނާއިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެކެވެ.