ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހުމަދާއި ނައިބު ރައީސް އަބްދުލްމުހްސިން ހަމީދު (ޖޭފޯ) މަގާމުން ވަކި ކުރުމަށް 18 ކްލަބެއްގެ ސޮޔާއެކު ކްލަބް އީގަލްސް އިން މިއަދު ހުށަހަޅައިފި އެވެ.

އީގަލްސް އިން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީ މެމްބަރުންނަށް ހުށަހަޅާފައިވާ ޑޮކިއުމެންޓުގައި ބުނެފައި ވަނީ ރައީސް އާއި ނައިބު ރައީސް ވަކި ކުރުމުގެ މައްސަލަ ގަވާއިދުގެ ދަށުން ހުށަހަޅާ ކަމަށާއި އަންނަ ސެޕްޓެމްބަރު 11ގައި ބާއްވަން ހަމަޖައްސާފައިވާ ކޮންގްރެސްގައި އެ މައްސަލަ އެޖެންޑާ ކުރުމަށް އެދޭ ކަމަށެވެ.

"އެބޭފުޅުންގެ [އިލްހާމް އަދި ޖޭފޯގެ] ލީޑަޝިޕް ނެތުމުގެ ސަބަބުން ބޮޑެތި އޮގަނައިޒޭޝަނަލް މައްސަލަތައް ވަނީ ޖެހިފައި،" އެ ހުށަހެޅުމުގައިވެ އެވެ.

އީގަލްސް އިން ބުނެފައި ވަނީ ޖެނުއަރީ 26، 2013ގައި އިލްހާމާއި މުހްސިން އިންތިހާބުވި ފަހުން އެފްއޭއެމްގެ ހުރިހާ ގޮތަކުން ވެސް އަޑިއަޅާލާފައިވާ ކަމަށާއި ކްލަބުތަކާއި ނުވަތަ ފުޓުބޯޅަ އާއިލާއާ އެކު އޮތް ގުޅުން ވެސް ކުޑަވެފައިވާ ކަމަށެވެ.

"އެކްސްކޯ މެންބަރުންނާއި އެކްސްކޯ ކޮމެޓީގެ ބައްދަލުވުންތަކުން ރައީސް އާއި ނައިބު ރައީސް ވަނީ ދުރުހެލިވެފައި އަދި ކަމާ ނުގުޅޭ މީހުންނަށް ހަވާލާދީ ބޮޑެތި ނިންމުންތައް ތަންފީޒުނުކޮށް ވަނީ ދޫކޮށްލައިފައި." އީގަލްސް އިން ބުނެފައިވެ އެވެ.

ރައީސް އާއި ނައިބު ރައީސް ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނާ ފަސް މައްސަލައެއް އީގަލްސް އިން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި އެގްޒެކެޓިވް ކޮމެޓީން ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރުމުން އެކަން ނުކުރުމާއި އެފްއޭއެމްގެ ޖުޑީޝަލް ބޮޑީގެ ނިންމުމެއް ބަދަލު ކުރުމާއި ބަޖެޓު ފާސް ނުކުރުން ހިމަނާފައިވެ އެވެ.

ކްލަބް އީގަލްސްގެ އިތުރުން އެ ޑޮކިއުމެންޓުގައި ސޮއި ކޮށްފައި ވަނީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި ބީޖީ ސްޕޯޓްސް އާއި ކްލަބް ވެލެންސިޔާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވިޔަންސާ އާއި ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ތޮއްޑޫ އާއި ނިއު ސްޓާ އާއި ވެލޯޒިޔާ އާއި ޔޫއެން ފްރެންޑްސް އާއި މުއިވެޔޮ ފްރެންޑްސް އާއި ކުޑަހެންވޭރު ޔުނައިޓެޑާއި ގާމަގާއި ރިވާ ސައިޑާއި އެލްޓީ ސްޕޯޓްސް އާއި ޒެފްރޯލް އާއި ކްލަބް ޕީކޭ އެވެ.

އެ މައްސަލާގައި ރައީސް އިލްހާމް އަހުމަދުގެ ކޮމެންޓެއް ހޯދުމަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.