އަންނަ ހުކުރު ދުވަހު އެސްޓީއޯ އިން އަލުން ބިސް ހޯލްސޭލް ކުރަން ފަށޭވަރުވާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން ރޯދަޔަށް ހާއްސަ ކޮށްގެން ފިޔާ އަލުވި ބިސް ވިއްކަމުން ދާއިރު އޭގެ ތެރެއިން ބިސް ހޯލްސޭލްކޮށް ވިއްކުން މިހާރު ވަނީ ސުޓޮކް ހުސްވުމުގެ ސަބަބުން ހުއްޓާލާފަ އެވެ.

އެސްޓީއޯ އިން ބިސް ވިއްކުން ހުއްޓާލާފައިވާ އިރު މިއަދު ބާޒާރުގައި މިހާރު ބިސް ކޭހެއް ވިއްކަމުން ދަނީ 400 ރުފިޔާ އާއި 500 ރުފިޔާ އާއި ދޭތެރޭ އަގުތަކެއްގަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ ވަރަށް އަވަހަށް އެސްޓީއޯ އިން ބިސް ސުޓޮކް އަލުން ރާއްޖެ ގެނެވި އަންނަ ހުކުރު ދުވަހުގެ ތެރޭގައި ވިއްކަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެސްޓީއޯ އިން ހޯލްސޭލްކޮށް ފިޔާ އަލުވި ވިއްކަމުން ދަނީ ބަސްތާއެއް 225 ރުފިޔާގެ ރޭޓުންނެވެ. އަދި ބިސް ކޭހެއް ވިއްކަމުން ގެންދަނީ 250 ރުފިޔާ އަށެވެ. ފިޔާ އަލުވި ކިލޯއެއް 10 ރުފިޔާ އަށް ރީޓެއިލް ކުރާ އިރު ބިހެއް ރީޓެއިލްކޮށް ވިއްކަނީ 1.25 ރުފިޔާ އަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މި ރޯދަ މަސް ނިމެންދެން ފިޔާ، އަލުވި އަދި ބިސް ހުސްނުވެ އެއަގުތަކުގައި އެސްޓީއޯ އިން ވިއްކާނެ ކަމަށެވެ.