ޗައިނާއާއި ރާއްޖެއާ ދެގައުމުގެ ރައްޔިތުންގެ މެދުގައި އިތުބާރު އުފައްދަން މީޑިއާ އިން މަސައްކަތް ކުރަން ޖެހޭ ކަމަށް ޗައިނާ ސަރުކާރުގެ ސިންހުއައި ނިއުސް އެޖެންސީން ބުނެފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓަލުގައި ރާއްޖޭގެ ނޫސްވެރިންނާ އެކު އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސިންހުއައި ނިއުސް އެޖެންސީގެ އޭޝިއާ ޕެސިފިކް ރީޖަނަލް ބިއުރޯގެ ޖެނެރަލް މެނޭޖަރު ވެން ޒިއާން އޭން ވިދާޅުވީ އިތުބާރު އުފައްދަން މަސައްކަތް ކުރުމަކީ ދެގައުމުގެ މީޑިއާގެ އިޖުތިމާއީ ޒިންމާއެއް ކަމަށެވެ.

"... އަޅުގަނޑަށް ޔަގީން ޗައިނާގެ ޓޫރިސްޓުން ވާނީ ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު ތަނބަކަށް. އަޅުގަނޑުމެންގެ ޓޫރިސްޓުން ތިޔަ ބޭފުޅުންނަށް އިގުތިސާދީ ފައިދާތައް ގެނެސް ދޭ އިރު، ސަގާފީ ގޮތުން ފުށު އެރުންތަކެއް އައިސްދާނެ. ސަގާފީ ޝޮކެއް ކަހަލަ ކަމަކަށް އެކަން ވެދާނެ. އެހިސާބުން އެކަން (އެފަދަ ކަންތައް ހައްލުކުރުން) ވާނީ ދެގައުމުގެ މީޑިއާގެ އިޖުތިމާއީ ޒިންމާއަކަށް،" ވެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އެއްވެސް ކަހަލަ އިތުބާރުގެ މައްސަލައެއް އުފެދޭ ނަމަ އެކަން ނައްތާލުމަށް ދެގައުމުގެ މީޑިއާ އިން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޖޭއޭގެ ރައީސް އަހުމަދު ޒާހިރު(ހިރިގާ) ވިދާޅުވީ ޗައިނާގެ ޓެކްނިކަލް އެހީތެރިކަން ރާއްޖޭގެ މީޑިއާތަކަށް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"... ޓެކްނޮލޮޖީގެ ގޮތުން ޗައިނާ ހޯދާފައިވާ ތަޖުރިބާގެ ފައިދާ އަޅުގަނޑުމެންގެ މީޑިއާ އަށް ކުރާނެ ކަމަށް އުއްމީދުކުރަން. އަޅުގަނޑުމެންގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ތިޔަބޭފުޅުންނަށް ދޭނަން،" ޒާހިރު ވިދާޅުވި އެވެ.

އިއްޔެގެ ބައްދަލުވުމަކީ ސިންހުއައި ނިއުސް އެޖެންސީގެ ނޫސްވެރިންނާއި ރާއްޖޭގެ ނޫސްވެރިން ދެކެ ފަރިތަވުމަށް އެ އެޖެންސީއާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގުޅިގެން އިންތިޒާމްކުރި ބައްދަލުވުމެކެވެ. އެބައްދަލުވުމުގައި ޗައިނާ އެމްބެސެޑަރު ވާންގް ފޫކާން ބައިވެރިވެޑައިގެންނެވި އެވެ. އަދި ސިންހުއައި ނިއުސް އެޖެންސީގެ ބައެއް ނޫސްވެރިންނާއި ރާއްޖޭގެ ބައެއް ނޫސްވެރިން ބައިވެރިވި އެވެ.