09 Jul 2014, 10:52
އޮކިނާވާ (ޖުލައި 9) : ނިއުގޫރީގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން، ޖަޕާނުގެ ދެކުނުގެ އޮކިނާވާގެ އައްސޭރިފަށުގެ ޖަޒީރާތަކަށް އަރައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާ ބުނާގޮތުން މިތޫފާން، އޮކިނާވާގެ އައްސޭރި ފަށަށް އަރާފައި ވަނީ ގަޑިއަކު 225 ކިލޯ މީޓަރުގެ ބާރުމިނުގަ އެވެ. ނަމަވެސް އެއަށް ފަހު އެތޫފާންގެ ބާރު ވަނީ ކުޑަވާން ފަށާފަ އެވެ. ނިއުގޫރީ އެރުމުގެ ކުރިން އޮކިނާވާގެ އެތައް ހާސްބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ގޮސްފައިވީ ނަމަވެސް ބައި މިލިޔަނެއްހާ މީހުން ތިބީ އެމީހުންގެ ގެދޮރުގައި ކަމަށް ޖަޕާނުގެ މީޑިޔާ ޚަބަރުދެ އެވެ.
ތޫފާން ނިއުގޫރީގެ ސަބަބުން އޮކިނާވާގެ ސްކޫލްތަކާއި އެއަރޕޯޓްތަކާއި ސަރުކާރުގެ އިދާރީ ޚިދްމަތްތައްދޭ ގިނަ އޮފީސްތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާ އިރު ޖަޕާނުގެ ޓީވީންވަނީ މިތޫފާންގެ ސަބަބުން އެ ރަށުގެ ބިޔަ ގަސްތައް ބިމުން ލުހި ބިންމައްޗަށް ވެއްޓިފައިވާ މަންޒަރުތަކާއި ގެދޮރަށާއި އިމާރާތްތަކަށް ގެއްލުންތައް ލިބިފައިވާ މަންޒަރުތައް ދައްކާފަ އެވެ.
މީގެ އިތުރުން ނިގޫރީގެ ބާރުގަދަ ވަޔާ އެކު 50 ހާހަށް ވުރެ ގިނަ ގެއިން ކަރަންޓް ކަނޑައިގެން ގޮސް އަދި ބައެއް ސަރަހައްދުތަކުން ކޮމިއުނިކޭޝަންގެ ގުޅުންތައް ވެސް ވަނީ ކެނޑިފަ އެވެ. މި ތޫފާންގެ ސަބަބުން ފަސް މީހުން މަރުވެފައިވާކަން މިހާތަނަށް ކަށަވަރުވެފައިވާ އިރު އިތުރު ބަޔަކު މަރުވެފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
އޮކިނާާވާ ޖަޒީރާތަކަކީ ޖަޕާނުގެ އެންމެ ދެކުނުގައިވާ ރަށްތަކެކެވެ. ދެވަަނަ ބޮޑުހަނގުރާމައިގާ އެމެރިކާ އިން ޖަޕާނަށް އެޓޮމްބޮން އަޅައި ޖަޕާން ބަލިކުރުމަށް ފަހު ޖަޕާނުގައި ގާއިމްކޮށްފައިވާ އަސްކަރީ އެންމެ ބޮޑު ބޭސް ވެސް ވަނީ އޮކިނާވާގަ އެވެ. އެބޭހުގައި 26 ހާސް އެެމެރިކާ ސިފައިން ތިބެ އެވެ. އޮކިނާވާ އަށް ތޫފާން އެރުމުގެ ކުރިން އެމެރިކާ އިން ވަނީ އޮކިނާވާގެ އަސްކަރީ ބޭހުގައިވާ ބައެއް މަތިންދާބޯޓުތައް ރައްކާތެރި ތަންތަނަށް ގެންގޮސްފަ އެވެ. (ރޮއިޓާސް)