09 Jul 2014, 10:44
ވޯލްޑް ކަޕުގައި އިޓަލީ ގައުމީ ޓީމަށް ކޯޗުކޮށްދިން ސެސާރޭ ޕްރަންޑެލީ، ތުރުކީ ކްލަބު ގަލަތަސަރާއީގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
މިހާރު ބްރެޒިލްގައި ކުރިއަށްދާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުރުގުއާއީ އަތުން ބަލިވެ، މުބާރާތާ އަލްވަދާއު ކިޔަން ޖެހުމުން ޕްރަންޑެލީ ވަނީ އިޓަލީގެ ކޯޗުކަމުން އިސްތިއުފާ ދީފަ އެވެ. ގަލަތަސަރާއީ އާ ޕްރަންޑެލޯ ހަވާލުވެފައި މި ވަނީ އިޓަލީގެ ކޯޗުކަމުން އިސްތިއުފާ ދިންތާ ދެ ހަފްތާ ފަހުންނެވެ.
ގަލަތަސަރާއީ އަށް ޕްރަންޑެލީ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އިސްތަންބޫލުގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕްރަންޑެލީ ބުނީ، އިޓަލީގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް ފަހު، އެހެން ޓީމަކާ ހަވާލުވުމުގެ ވިސްނުމެއް ކުރިން ނުގެންގުޅޭ ކަމަށެވެ.
"އެހެން ޓީމަކަށް ސޮއިކުރުމުގެ ހިޔާލެއް ކުރިއަކުން ނުގެންގުޅެން،" އޭނާ ބުންޏެވެ. "އެކަން ހިޔާލަށް އަލުން އައީ ގަލަތަސަރާއީގެ ރައީސްއާ ބައްދަލުކުރުމަށް ފަހު. މި ކްލަބުން ބޭނުންވަނީ ކާމިޔާބު. އަދި ޓީމު ވެސް އޮތީ ކާމިޔާބީ ހޯދަން ތައްޔާރަށް. އެހެންވެ އިތުރު ވިސްނުމަކާ ނުލައި އަހަރެން ގަލަތަސަރާއީ އަށް 'އާނ' ބަސް ދިނުން،"
ޕްރަންޑެލީ ބުނީ، އޭނާގެ އަމާޒަކީ ގަލަތަސަރާއީ އަށް ތުރުކީ ލީގު ކާމިޔާބުކޮށްދީ، ޗެމްޕިއަންސް ލީގުގައި ރަނގަޅު ކާމިޔާބެއް ހޯދައިދިނުން ކަމަށެވެ.
"އަހަރެންގެ ފުރަތަމަ އަމާޒަކީ ކާމިޔާބު ހޯދާނެ ޓީމެއް އެކުލަވާލުން. އަހަރެން ބޭނުންވަނީ ހަމައެކަނި ކާމިޔާބު ހޯދުމުގެ ހިޔާލު ގެންގުޅޭ ޓީމެއް ނޫން. އަހަރެން ބޭނުމީ އެކަމާ އެކު ކާމިޔާބު ހޯދޭނެ ފެންވަރުގެ ޓީމެއް." އޭނާ ބުންޏެވެ.
ގަލަތަސަރާއީ އާ ޕްރަންޑެލީ ހަވާލުވުމުގެ ކުރިން އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރީ ކުރިން މެންޗެސްޓާ ސިިޓީ އަށް އިރުޝާދުދިން ރޮބާޓޯ މަންޗިނީ އެވެ. ނުވަ މަސް ދުވަހުގެ މުއްދަތަކަށް ގަލަތަސަރާއީ އާ ހަވާލުމަށް ފަހު މަންޗިނީ ވަނީ އިސްތިއުފާ ދީފަ އެވެ.