10 Jan 2011, 12:02
ކުޑަހުރާ ރިސޯޓަށް ދިޔަ ފެރީއެއްގައި ޖައްސައި އެކްސިޑެންޓް ކޮށްލުމަށް ފަހު ފިލައިގެން ދިޔަ ލޯންޗެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ލޯންޗެއް، މާލޭން ކުޑަހުރާ ރިސޯޓަށް ދަތުރު ކުރަމުން ދިޔަ ފެރީގައި ހުޅުމާލޭ ކައިރިން ޖެއްސުމަށް ފަހު، މަޑުނުކޮށް ގޮސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:30 އެހާކަންހާއިރު ކަމަށެވެ.
"ފެރީގައި ލޯންޗު ޖެއްސުމަށް ފަހު މަޑުނުކޮށް ދިޔައީ. ފުލުހުން ގެ ގެންދަނީ އެ ލޯންޗު ހޯދަމުން." ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އަށާވީސް ޕަސިންޖަރުންނާ އެކު މާލޭން ފުރައިގެން ކުޑަހުރާ ރިސޯޓަށް ދަތުރުކުރި ފެރީގައި އެވަގުތު ތިން އަންހެނުންނާއި ދެ ކުޑަކުދިން ތިބި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ލޯންޗު ފެރީގައި ޖެއްސުމުގެ ސަބަބުން ފެރީގައި އެވަގުތު އިން ޕަސިންޖަރަކަށް ހާނިކަވެފައި ކަމަށާއި އަދި ފެރީގެ ގެގަނޑު ވެސް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ޕަސިންޖަރަށް ވީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފު ނުވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އޭނާ އަށް އެރޭ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެވަގުތު ފެރީގައި އިން ފިރިހެން ޕަސިންޖަރަކު ސަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ ލޯންޗު ދުއްވާފައި ދިޔައީ އެއްވެސް އަލިކަމެއް ވެސް ނެތި ކަމަށެވެ. އައި ލޯންޗަށް ވެސް ގެއްލުންތަކެއް ވެފައި ހުންނާނޭ ކަމަށް އޭނާ ބުންޔެވެ.
"ލޯންޗް އައިސް ފެރީ އަށް އަރުވާލީ. ލޯންޗު ކުރީކޮޅުން ހުންނާނެ ހަލާކުވެފައި. އެއްވެސް އަލިކަމެއް ނެތް އެ ލޯންޗަކު. އަރުވާލާފައި ފިލީ." އޭނާ ކިޔައިދިނެވެ.