09 Jul 2014, 10:41
ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުން ލިބުނު ބޮޑު ކާމިޔާބާއެކު ފައިނަލަށް ދަތުކުރި ނަމަވެސް، ޖަރުމަނުން ފޯކަސް ގެއްލުވާނުލާނެ ކަމަށް އެ ޓީމުގެ ކޯޗު ޖޯކިމް ލޯ ބުނެ އެވެ.
ޖަރުމަނުން އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ބްރެޒިލް ހިތްދަތިކޮށްލީ ރޭ ކުޅުނު ސެމީގައި 7-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ފުރަތަމަ ހާފުގެ ފަސް ލަނޑުގެ ތެރެއިން ތޯމަސް މުލާ، މިރޮސްލާވް ކްލޯސާ، ސަމީ ކެދީރާ، މިއިން ކޮންމެ ކުޅުންތެރިއެއް ލަނޑެއް ކާމިޔާބު ކުރި އިރު، ޓޯނީ ކްރޫސްގެ ފަރާތުން ދެ ލަނޑުން ފެނިގެންދިޔަ އެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި އަންދްރޭ ޝޫލާ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، ބްރެޒިލްގެ ހަމައެކަނި ލަނޑު، އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިޑްފީލްޑަރު އޮސްކާ އެވެ.
"އަހަރެމެންނަށް މި ލިބުނު ކާމިޔާބާ އެކު، އުފާވެރި އިހްސާސްތަކެއް ލިބިއްޖެ. އަހަރެމެން މޮޅުވެ، މިވަނީ ފައިނަލަށް ދަތުރުކޮށްފައި،" މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ލޯ ބުންޏެވެ. "ދެން އަހަރެމެން ޖެހޭނީ ކުރިއަށް އޮތް ބޮޑު މެޗަށް ތައްޔާރުވާން. އަހަރެމެންނަށް އެނގޭ ބްރެޒިލް އަކީ މޮޅު ޓީމެއް ކަން. މި ނަތީޖާއާ އެކު އަހަރެމެންނާއި ބްރެޒިލްއާ އަދި އަޅައެއް ނުކިޔޭނެ. މިއަދަކީ އަހަރެމެންގެ ދުވަހެއް،"
ލޯ ބުނީ، ކުރިއަށް އޮތް ފައިނަލު މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށާއި ޖަރުމަނަށް ދެން އޮތް މަސައްކަތަކީ ރިކަވާވެ، އަލުން އާ ހިތްވަރަކާ އެކު އެ މެޗަށް ނުކުތުން ކަމަށެވެ. އަދި ބްރެޒިލް އަށް ލިބިފައިވާ ހިތްދަތިކަން އިހްސާސްކުރެވޭ ކަމަށް ވެސް ޖަރުމަނުގެ ކޯޗު ބުންޏެވެ.
"ބްރެޒިލް އަށް އެ ލިބުނީ ބޮޑު ޝޮކެއް،" އޭނާ ބުންޏެވެ. "އަހަރެންނަށް އެ ހިތްދަތިކަން އިހްސާސުވޭ. ޖަރުމަނުގައި 2006ގައި ބޭއްވި ވޯލްޑް ކަޕުން އަހަރެމެން ކެޓުމުން އެކަހަލަ އިހްސާސުތަކެއް ކުރެވުނު. އަމިއްލަ ގައުމުގައި ފައިނަލަށް ނުގޮސް ކެޓުމަކީ ހަނދާނުން ފުހެލަން އުނދަގޫ ކަމެއް."
މި މުބާރާތުގެ ފައިނަލުގައި ޖަރުމަނު ނުކުންނަން ޖެހޭނީ މިރޭ ނެދަލެންޑްސް އާއި އާޖެންޓީނާ ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބްރެޒިލްގެ ސައޮ ޕޯލޯ ސިޓީގެ އެރީނާ ކޮރިންތިއަންސްގައި ކުޅޭ އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 01:00 ގަ އެވެ.