09 Jul 2014, 10:39
ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ބްރެޒިލް ރައްޔިތުން ފުން ހިތާމައެއްގެ ތެރެއަށް ވައްޓާލެވުމުން ޑިފެންޑަރު ޑޭވިޑް ލުއިޒް މައާފަށް އެދިއްޖެ އެވެ.
އަމިއްލަ ގައުމުގައި ވޯލްޑް ކަޕް ތަށި ނެގުމަށް ބްރެޒިލުން ކުރަމުން އައި ހުވަފެންތަކަށް ނިމުމެއް އައީ ރޭ ޖަރުމަން އަތުން 7-1 ލަނޑުން ބަލިވުމުންނެވެ. ފުރަތަމަ ހާފުގައި ޖަރުމަނުން 5-0 ލަނޑުގެ ލީޑެއް ނެގި އިރު، ފަހު ހާފު ހާފުގައި އެ ޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. ބްރެޒިލް އަށް ސުން ކަނޑުވާލެވުނީ އިތުރު ވަގުތުކޮޅު ތެރޭގައި އޮސްކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގައި ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރި ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާގެ ބަދަލުގައި ރޭގެ މެޗުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ޑޭވިޑް ލުއިޒް އެވެ.
"އަހަރެން ބޭނުންވީ ބްރެޒިލް ރައްޔިތުންނަށް އުފާވެރިކަމެއް ގެނެސްދެން،" ރެޑޯ ގްލޮބޯ އަށް ދިން އިންޓަވިއުއެއްގައި ލުއިޒް ބުންޏެވެ. "އަހަރެމެންނަށް އެކަމެއް ނުކުރެވުނު. އެކަމަށް އަހަރެން މައާފަށް އެދެން. އަހަރެން ބޭނުމީ ބްރެޒިލްގެ ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ގެނެސްދޭން،"
މެޗުން ބަލިވެ މުބާރާތުން ކެޓުމާ އެކު ބްރެޒިލްގެ ގޯލްކީޕަރު ހޫލިއޯ ސެސާ ބުނީ، ފުރަތަމަ 45 މިނެޓްގައި އެ ޓީމު އޮތީ ވަރަށް ބޮޑަށް ކުޅުމާ ދުރުގައި ކަމަށެވެ.
"އަހަރެމެން މެޗު ތެރެއިން ގެއްލިގެން ދިޔަ ވުގުތުކޮޅު ދެނެގަނެ، ޖަރުމަނުން އޭގެ ފައިދާ ނެގި. ޖަރުމަނަށް ލަނޑުތަކެއް ކާމިޔާބުކުރެވުނު ސަބަބަކީ އެއީ،" ސެސާ ބުންޏެވެ. "އަހަރެމެން 1-0 ލަނޑުން ބަލިވި ނަމަ، މާ ރަނގަޅުވީސް. މެޗުގައިވީ ގޮތް އޮޅުންފިލުވައިދޭން މިވަގުތު ވަރަށް އުނދަގޫ. ނިމިގެން މިދިޔައީ އަހަރެމެންގެ ހުވަފެނެއް."
މި މުބާރާތުގައި ދެން ބްރެޒިލް ނުކުންނަން ޖެހޭނީ ތިންވަނަ ހޮވާ މެޗަށެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ 01:00ގައި ބްރަސީލިއާ ސިޓީގެ އެސްޓޭޑިއޯ ނޭސިއޮނަލްގައި ކުޅޭ އެ މެޗަށް ބްރެޒިލް ނުކުންނަން ޖެހޭނީ ސެމީގައި މިރޭ ނެދަލޭންޑްސް އާއި އާޖެންޓީނާ ބައްދަލުކުރާ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ. ނެދަލޭންޑްސް އާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 01:00 ގަ އެވެ.