09 Jul 2014, 10:30
ދިވެހިން ވާހަކަ ދެއްކުމުގައި އާންމުކޮށް ދިވެހި ބަހާއި މަސްހުނިކޮށްގެން ބޭނުންކުރާ އިނގިރޭސި ލަފްޒުތަކަށް ދިވެހި ބަސް އުފައްދައި، އެ ބަސްތައް ހިމަނައިގެން "ބަސްތޫރަ"އެއް ނެރެން ފަށައިފި އެވެ.
ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ކުއްލިއްޔަތުލް ދިރާސަތުލް އިސްލާމިއްޔާގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި ބަސްތޫރަ ނެރެދެއްވީ ދިވެހި ބަހަށް އެކި ރޮނގުރޮނގުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަބްދުﷲ ސާދިގު (ސޯދުބެ) އެވެ.
ބަހުގެ އެކަޑަމީން ބުނީ ބަސްތޫރައަކީ ދިވެހިބަހުގެ އެކަޑަމީން ބޭރު ބަސްބަހުގެ ލަފުޒުތަކަށް ކަނޑައަޅައި ދިވެހި ލަފުޒުތައް ހިމެނޭ ގޮތުން ތައްޔާރުކޮށް ނޭރޭ ތޫރައެއް ކަމަށާއި ތޫރައަކީ އިނގިރޭސިބަހުގެ "ބުލެޓިން" އަށް ކިޔާ ދިވެހި ލަފްޒު ކަމަށެވެ.
ދިވެހިބަހާ މަސްހުނިކޮށްގެން ވަރަށް ގިނަ ބޭރު ބަސްބަހުގެ ލަފްޒުތައް ބޭނުންކުރަމުންދާ ދުވަސްވަރެއްގައި މިފަދަ ތޫރައެއް ނެރުނީ އެކަމުގެ ބޭނުން ދިވެހި މުޖުތަމައަށް ޖެހިފައިވާލެއް ބޮޑުކަމުން ކަމަށާއި އޭގެ ސަބަބުން ދިވެހި ބަހުގެ ވާހަކަ ދެއްކުމުގައި ބޭރު ބަސްބަހުގެ ލަފުޒުތަކަށް ބަރޯސާވާ ބަރޯސާވުމަށް ހައްލެއް އަންނާނެ ކަމަށެވެ. އަދި އައު ލަފުޒުތަކާއި އައު އިސްލާހުތައް ހަދަމުން ކަނޑައަޅައި ފާސްވަމުން އަންނަ މިންވަރެއްގެ މައްޗަށް އިތުރަށް ބަސްތޫރަތައް ނެރޭނެ ކަމަށް ބަހުގެ އެކަޑަމީން ބުންޏެވެ.
އަލަށް އުފަންވާ ދިވެހި ބަސްތައް ހިމަނައިގެން ނެރޭ "ބަސްތޫރަ" ބަސް އެކަޑަމީގެ ވެބްސައިޓުންނާއި އެ އެކަޑަމީން ނެރޭ "ފަތްތޫރަ"ގައި ޝާއިއުކުރާނެ ކަމަށް އެ އެކަޑަމީން ބުނެ އެވެ. ބަސްތޫރައިގެ އިތުރުން އެ އެކަޑަމީން މިރޭ ވަނީ ޅެން ހެދުމަށް ދަސްކޮށްދޭން ހިންގި ޕްރޮގްރާމެއްގައި ރާއްޖޭގެ 17 ސްކޫލަކުން 112 ކުދިން ބައިވެރިކޮށް، ހަދާފައިވާ ޅެންތަކާއި ބަނދިތައް ހިމަނައިގެން "އައު ނިރު"ގެ ނަމުގައި ފޮތެއް ވެސް ނެރެފަ އެވެ.
އޭގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ބަސް އެކަޑަމީން ވަނީ އައިފޯނަށް ހާއްސަކޮށް އެޕްލިކޭޝަނެއް ނެރެފަ އެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ހުރިހާ ބަހެއްގެ މާނަ ބަލާލެވޭނެ ކަމަށާއި ތާނަ އަކުރު ލިޔުމުގައި ބޭނުންކުރާ ކޮންމެ އަކުރަކުން ފެށޭ ހުރިހާ ބަހެއް ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ބަސް އެކަޑަމީން ބުނެ އެވެ. އެ އެޕްލިކޭޝަން މިމަހު 15 އިން ފެށިގެން އެޕަލް ސްޓޯރުން "BASFOIY" ނަމުގައި ލިބެން ހުންނާނެ ކަމަށް ބަސް އެކަޑަމީން ބުނެ އެވެ.