09 Jul 2014, 10:32
ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މެންޗެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ގެރެތު ބެރީ އެވަޓަން އަށް ސޮއިކޮށްފި އެވެ.
މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އެވަޓަން އަށް ބެރީ ކުޅެމުން ދިޔައީ ލޯނުގެ ދަށުންނެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި އެވަޓަން އަށް އޭނާ ވަރަށް ރަނގަޅު ކުޅުމެއް ވަނީ ދައްކައިފަ އެވެ.
އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެވަޓަން އަށް ގެނައި ބެރީ އަކީ އަންނަ ސީޒަނަށް އެ ކްލަބާ ގުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.
"އަހަރެންނަށް އެވަޓަންގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވެއްޖެ. މި ޓީމުގައި ތިބީ ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް. އަދި ވަރުގަދަ ސަޕޯޓަރުންތަކެއް ވެސް އެބަތިބި. އެވަޓަންއާ ގުޅުމަކީ އަހަރެންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް،" ބެރީ ބުންޏެވެ.
އެވަޓަން އަށް ބެރީ ސޮއިކުރުމާ އެކު އެ ޓީމުގެ ކޯޗު މާޓިނޭޒް ބުނީ، ބެރީ އަކީ ކިހާވަރެއްގެ ކުޅުންތެރިއެއްކަން އެންމެންނަށް ވެސް އެނގޭނެ ކަމަށާއި އޭނާ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
ފަސް އަހަރު ދުވަހު ކުޅުނު ސިޓީ އަށް ބެރީ ވަނީ ޖުމްލަ 175 މެޗު ކުޅެ، އެ ކްލަބާއެކު އެފްއޭ ކަޕާއި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.