09 Jul 2014, 10:26
ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބްރެޒިލްއާ ދެކޮޅަށް ކުޅެ، ނެރެވުނު ނަތީޖާއަކީ ގަބޫލުކުރަން ދަތި ނަތިޖާއެއް ކަމަށް އެ ޓީމުގެ ފޯވަޑް ތޯމަސް މުލާ ބުނެފި އެވެ.
ޖަރުމަނުން އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ބްރެޒިލް ހިތްދަތިކޮށްލީ ރޭ ކުޅުނު ސެމީގައި 7-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ފުރަތަމަ ހާފުގެ ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކުރީ މުލާ އެވެ. މިރޮސްލާވް ކްލޯސާ، ސަމީ ކެދީރާ، މިއިން ކޮންމެ ކުޅުންތެރިއެއް ލަނޑެއް ކާމިޔާބުކުރި އިރު، ޓޯނީ ކްރޫސްގެ ފަރާތުން ދެ ލަނޑުން ފެނިގެންދިޔަ އެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި އަންދްރޭ ޝޫލާ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، ބްރެޒިލްގެ ހަމައެކަނި ލަނޑު، އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިޑްފީލްޑަރު އޮސްކާ އެވެ.
"ހަމަ ޔަގީނުން ވެސް މިއީ ގަބޫލުކުރަން ދަތި ނަތީޖާއެއް،" ޒެޑްއެފްޒެޑް އަށް ދިން އިންޓަވިއުއެއްގައި އުމުރުން 24 އަހަރުގެ މުލާ ބުންޏެވެ. "މި މެޗުން އެނގިގެން އެ ދިޔައީ މެޗުތައް ތަފާތު ވެގެން ގޮސްދާނެކަން. ޑިފެންސިވް ޓީމުތަކާ އަޅާބަލާ އިރު ބްރެޒިލް ކުޅުނީ ވަރަށް ތަފާތުކޮށް. އަހަރެމެން ވަރަށް ރަނގަޅަށް އެކަމުގެ ފައިދާ ނެގިން،"
ބްރެޒިލް ހިތްދަތިކޮށްލި ޖަރުމަން، ފައިނަލުގައި ނުކުންނަން ޖެހޭނީ މިރޭ ނެދަލެންޑްސް އާއި އާޖެންޓީނާ ބައްދަލުކުރާ ސެމީ އިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބްރެޒިލް އަތުން މޮޅުވިޔަސް، ފައިނަލު ފަސޭހަކޮށް ނުލުމަށް މުލާ ވަނީ ޖަރުމަނަށް ގޮވާލައިފަ އެވެ.
"ފައިނަލަށް ނުކުންނަ އިރު، އަހަރެމެންގެ ފޯކަސް ގެއްލުވާލައިގެން ނުވާނެ،" އޭނާ ބުންޏެވެ. "ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް. އަލްޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އަހަރެމެން ދެއްކި ވާހަކަތަކަށް ސަމާލުކަން ދޭން ޖެހޭނެ. ޖަރުމަން ޓީމަކީ ވަރަށް މޮޅެތި ކުޅުންތެރިންތަކެއް ތިބި މޮޅު ޓީމެއް."
މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ނެދަލެންޑްސް އާއި އާޖެންޓީނާ އެވެ. ބްރެޒިލްގެ ސައޮ ޕޯލޯ ސިޓީގެ އެރީނާ ކޮރިންތިއަންސްގައި ކުޅޭ އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 01:00 ގައެވެ.