ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ބޮޑު ތަފާތަކުން ބަލިވެ، އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުން ކެޓި ދުވަހަކީ ބްރެޒިލް ކޯޗު ލުއިސް ފެލިޕޭ ސްކޮލާރީގެ ހަޔާތުގެ އެންމެ ހިތާމަވެރި ދުވަސް ކަމުގައި އޭނާ ބުނެފި އެވެ.

ސެމީގައި ރޭ ޖަރުމަނު އަތުން 7-1 ލަނޑުން ބަލިވި މެޗަށް ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ސަސްޕެންޑްވުމާއި އަނިޔާގެ ސަބަބުން ނޭމާ އަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުމުން ސްކޮލާރީ އަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.

"މިއީ އަހަރެންގެ ހަޔާތުގެ އެންމެ ހިތާމަވެރި ދުވަސް،" މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްކޮލާރީ ބުންޏެވެ. "މި ނަތީޖާގެ ސަބަބުން ސަޕޯޓަރުންގެ ކިބައިން އަހަރެން މައާފަށް އެދެން. އަދި ބްރެޒިލް އަށް ކުރި ސަޕޯޓަށް ޝުކުރު އަދާކުރަން. މި ނަތީޖާއާ އެކު ބްރެޒިލް ބަލިވުމުން އަހަރެން ފުރިހަމަ އަށް އެކަމުގެ ޒިންމާ ނަގަން. ފުރަތަމަ ގޯލަށް ފަހު ޓީމު އެއްކޮށް ރޫޅިގެން ދިޔަ. އެހެންކަމުން އަހަރެމެންގެ ގޯލަށް އެއް ލަނޑަށް ފަހު އަނެއް ލަނޑެއް ވަންނަމުން ދިޔަ،"

ސްކޮލާރީ ބުނީ، އެއްވެސް ބަދަލެއް ގެނައުމަށް އޭނާ އަށް ވަގުތެއް ލިބިފައި ނުވާ ކަމަށާއި މިއީ ފުޓްބޯޅައިގެ ތާރީހުގައި އެ ޓީމަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ ކަމަށެވެ. އަދި މިކަމުން އަރައިގަންނަން ދަސްކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ނޭމާ ނެތްތަން ރޭ ބްރެޒިލް ޓީމުން ދެއްކި އެވެ. ކުރީގައި ބޯޅަ ނުހުފެހެއްޓުމުގެ ސަބަބުން ބްރެޒިލްގެ ފަހަތަށް ގިނަ ޕްރެޝަރުތަކެއް ކުރިމަތިވި އެވެ. ނަމަވެސް ބަލިވީ ނޭމާ ނެތުމުން ކަމަކަށް ސްކޮލާރީ ނުދެކެ އެވެ.

"ނޭމާ ނެތީއޭ ކިޔައިގެން އަހަރެން އުޒުރެއް ދައްކާކަށް ނޫޅެން. މެޗުގައި ވީ ގޮތަކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޖަރުމަނުގެ ވަރުގަދަ ކުޅުން ދައްކުވައިލީ. ޖަރުމަނުން އަހަރެމެންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނެގި. ބަލިވުމަކީ ނޭމާ ނެތުމުންވީ ކަމެއް ނޫން." ބްރެޒިލްގެ ކޯޗު ބުންޏެވެ.

މި މުބާރާތުގައި ދެން ބްރެޒިލް ނުކުންނަން ޖެހޭނީ ތިންވަނަ ހޮވާ މެޗަށެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ 01:00 ގައި ބްރަސީލިއާ ސިޓީގެ އެސްޓޭޑިއޯ ނޭސިއޮނަލްގައި ކުޅޭ އެ މެޗަށް ބްރެޒިލް ނުކުންނަން ޖެހޭނީ ސެމީގައި މިރޭ ނެދަލޭންޑްސް އާއި އާޖެންޓީނާ ބައްދަލުކުރާ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ. ނެދަލޭންޑްސް އާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 01:00 ގަ އެވެ.