ބްރެޒިލް ކޮޅަށް މިރޭ ޖަރުމަނުން ޖެހި ދެވަނަ ލަނޑާއެކު ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ގާއިމް ކޮށްފައިވާ 15 ލަނޑުގެ ރެކޯޑް ޖަރުމަނުގެ ފޯވާޑް މިރޮސްލާވް ކްލޯސާ މުގުރާލައިފިއެވެ.

ރޮނާލްޑޯގެ ރެކޯޑާ ހަމަހަމަކުރި ލަނޑު ކްލޯސާ ޖަހާފައި ވަނީ، މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ގާނާއަތުން 2-2 އިން ޖަރުމަނު އެއްވަރުވި މެޗުގައެވެ. ގާނާއަތުން ޖަރުމަނު ސަލާމަތްކުރި ލަނޑު ކްލޯޒާ ކާމިޔާބުކޮށްދިނީ އެ މެޗުގެ ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައެވެ.

ވޯލްޑް ކަޕްގެ ލަނޑުގެ ރެކޯޑް މުގުރައިލި ލަނޑު ކްލޯސާ ކާމިޔާބުކުރީ މިރޭ ބްރެޒިލްއާ ދެކޮޅަށް ބެލޯ ހޮރިޒޮންޓޭގެ އެސްޓާޑިއޯ މިނެއިރާއޯގައި ޖަރުމަނުން ކުޅުނު އަސަރުގަދަ ސެމީ ފައިނަލުގެ 23 ވަނަ މިނިޓްގައެވެ. ވޯލްޑް ކަޕްގައި 16 ލަނޑު މިހާތަނަށް ކާމިޔާބުކޮށްފައިވާ ކްލޯޒާގެ މިއީ ހަތަރުވަނަ ވޯލްޑް ކަޕެވެ.

ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައި ވާއިރު ކްލޯސާ ވަނީ، ޖަރުމަނުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އެގޮތުން ކުރިން އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން ގާޑް މުލާ ގާއިމްކޮށްފައި ވާ ރެކޯޑް މުގުރާލައި ކްލޯސާވަނީ ޖަރުމަނުޓީމަށް އޭނާ ކުޅުނު 136 މެޗުން 71 ލަނޑު ކާމިޔާބުކޮށްފައެވެ.

ބްރެޒިލްގެ ފުޓްބޯޅައިގެ ތާރިހުގައި އެޓީމު އެންމެ ހިތްދަތި ގޮތަކަށް އަދި އެންމެ ގިނަ ލަނޑުން ބަލިވި މެޗުން މިރޭ ޖަރުމަނު މޮޅުވެ ވޯލްޑް ކަޕް ބްރެޒިލް 2014ގެ ފައިނަލުން ޖާގައެއް ހޯދީ 7-1 ލަނޑުގެ ނަތީޖާއަކުންނެވެ.