ހެންވޭރު އަވަށު އޮފީސް ކައިރީގައި ސަކީނާ އިބްރާހިމް މިއަދު ކިޔޫ ޖެހުނީ ހެނދުނު 6:00 ނުޖަހަނީހެވެ. އުމުރުން 18 އަހަރުގެ އަންހެން ދަރިފުޅު ވެސް ގޮވައިގެން އެހާ މައިރާ އޭނާ ކިޔޫގައި ޖެހުނީ ވެށިފަހި މާލެ ޕްރޮގްރާމްގައި މާލެ އާއި ހުޅުމާލެއިން ދޫކުރާ ގޯއްޗާއި ފްލެޓްގެ ފޯމް ނަގަން ގިނަ އަދަދެއްގެ ބަޔަކު މިއަދު ކިޔޫގައި ޖެހޭނެކަން އެނގޭތީ އެވެ.

"އަހަރެން ކުރިން ވެސް ބުނީމެއްނު. މިހާރު ކިޔޫގެކޮޅު ނުވެސް ނެތް ފެންނަން ވެސް،" ހެނދުނު ހަތެއް ޖެހި އިރު ހެންވޭރު އަވަށު އޮފީސް ކައިރިން ސަކީނާގެ ފަހަތަށް ދިގުވަމުން ދިޔަ ސަފަށް އިޝާރާތްކޮށް އޭނާ ބުނެލި އެވެ.
މިއަދުން ފެށިގެން ފޯމް ދޫކުރަން ފެށި އިރު، މާލޭގެ ހުރިހާ އަވަށު އޮފީހެއްގެ ކައިރީގަޔާ މާލޭ މުނިސިޕަލްޓީ އާއި ހުޅުމާލެ އާއި ވިލިމާލޭ އަވަށު އޮފީސް ކައިރީގައި ވެސް ފޯމު ހޯދަން މިއަދު ހެނދުނުއްސުރެ އަދިވެސް ދަނީ ކިޔޫ ޖެހެމުންނެވެ.

ހެނދުނު 9:00 ޖެހި އިރު އަވަށު އޮފީސްތަކުން ފޯމް ދޫކުރަން ފެށި އިރު 10:30 އާ ހަމައަށް ބައެއް އަވަށު އޮފީސްތަކުން 200 އަށް ވުރެ ގިނަ ފޯމް މީހުން ނަގާފައި ވެއެވެ.

"މިހާރު 250 ވުރެ ގިނަފޯމް ގެންގޮސްފި. އަދިވެސް އެ އޮތީ ކިޔޫ ދިގުކަން. ކިޔޫ ދަނީ ހައްތާ ދިގުވަމުން." ގަލޮޅު އަވަށު އޮފީހުން ފޯމް ދޫކުރުމުގައި ހަރަކާތްތެރިވި އޮފިޝަލަކު ބުންޏެވެ. ހެނދުނު 10:30 އާ ހަމައަށް ހެންވޭރު އަވަށު އޮފީހާއި މައްޗަންގޮޅީ އަވަށު އޮފީހުން ވެސް ކޮންމެ ތަނަކުން 300 ފޯމާއި ގާތަށް މީހުން ފޯމް ގެންގެންގޮސްފައި ވެއެވެ.

މާލޭ މުނިސިޕަލްޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިންވެސް ހީކުރެވިފައިވާ ގޮތަށް ހެނދުނުން ފެށިގެން ފެލްޓާއި ގޯއްޗަށް އެދޭ ފޯމް ނެގުމުގެ ކިޔޫ މިއަދު ދިގުކޮށް ހަދަމުންދާ ކަމަށެވެ.

"އެންމެ ބާރު ކުޑައީ މުނިސިޕަލްޓީއަށް އަވަށު އޮފީސްތަކަށް ވަރަށް ބާރުބޮޑު." އެ އޮފިޝަލު ވިދާޅުވި އެވެ.
ފޯމް ނަގަން އަވަށު އޮފީސްތަކުގައި މިއަދު ކިޔޫ ޖެހުނު ވަރަށް ގިނަ މީހުން ބުނި ގޮތުގައި އެމީހުންނަކީ ފްލެޓަށް ޝަރުތު ހަމަވާ މީހުންނެވެ. އަދި ވަރަށް ގިނަ މީހުން ބުނެފައި ވަނީ ކިޔޫ ޖެހެނީ ގޯއްޗެއް ވިޔަސް ފެލެޓެއް ވިޔަސް މައްސަލައެއް ނެތް ކަމަށް ބަލައިގެން ކަމަށެވެ.

"ވަރިހަމަ ކޮންމެ އެއްޗެއް ލިބުނަސް ބޯހިޔަވާވަހިކަން ލިބެންޏާ، މި ކަމަކަށް އިންތިޒާރުކޮށްކޮށް ވަރުބަލިވެއްޖެ" މުހައްމަދު ޝަރީފު ބުންޏެވެ. އޭނާ ބުނީ ފްލެޓް ދޫކުރާ ކޮންމެ ބުރެއްގައި އޭނާ ބައިވެރިވާ ކަމަށައި އެއް ފަހަރު ނޫނީ އަދި ގުރުއަތަށް ވެސް ނުދާ ކަމަށެވެ. ވެށިފަހި މާލެ ޕްރޮގްރާމްގައި ފްލެޓާއި ގޯއްޗަށް އެެދޭ ފޯމްތައް މާދަމާއިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ބަލައިގަންނަ ގޮތަށް ގާޒީ ބިލްޑިންގްގައި އިންތިޒާމް ހަމަޖައްސާފައިވާއިރު މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ފޯމް ދޫކުރާނެ އެވެ.
މިއަދު ފޯމް ދޫކުރަން ފެށި ފޯމްތަކުގައި ދައުލަތުގެ ނިޝާނާއި ތައްގަނޑު ހިމަނާފައި ނުވާތީ ބައެއް ފަރާތްތަކުން މިއަދު ވަނީ ޝަކުވާ ކޮށްފަ އެވެ. ބައެއް ފަރާތްކުން ބުނީ އަވީގައި ކިޔޫ ޖެހިގެން ފޯމް ނަގަން ތިބުމުގެ ބެނުމެއް ނެތް ކަމަށާއި ފޮޓޯކޮޕީ ނަގާ ތަންތަނުން ފޯމްތައް ލިބެން މިހާރު ހުންނާނެ ކަމަށެވެ. ބައެއް ކިޔޫތަކުގައި ތިބި މީހުން ފޯމް ނަގައިގެން އޭގެ ފޮޓޯ ކޮޕީ ހައްދައިގެން ވެސް މިއަދު އުޅުނެވެ.
~
ވެރިރަށް މާލެއަށް އަމާޒުކޮށް މިދިއަ ނޮވެމްބަރު މަހުގެ ތެރޭ ސަރުކާރުން އިއުލާން ކުރި ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރުމުގައި ބަލާ އުސޫލުތައް ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

ހާމަކުރި މައުލޫމާތުތަކުގައިވާ ގޮތުން މި ޕްރޮގަރާމްގައި ބޯހިޔާވަހިކަން ފޯރުކޮށްދެނީ ތިން ގިންތިއެއްގެ ރަށްވެހިންނަށެވެ. އެއީ މާލޭގައި ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެ އަށް އުފަން މީހުންނާއި ދަފުތަރުގައި މިދިޔަ އަހަރުގެ ޖޫން 30ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

ފުރަތަމަ ފިޔަވަހީގައި ބަލާފައި ވަނީ މާލޭގައި 300 އަކަފޫޓަށް ވުރެ ކުދި ބިންތައް ހުރި ފަރާތްތަކަށް ސަމާލުކަން ދިނުމަށް ކަމަށާއި ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭގެ 1800 އާއިލާއަކަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި ހަދާ ހައުސިން ޔުނިޓް ތަކުން މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރަނީ ރާވާފައިވަނީ 1750 ޔުނިޓެވެ. އެއީ މާލޭން 500 ހައުސިން ޔުނިޓާއި ހުޅުމާލޭން 250 ޔުނިޓާއި ހުޅުމާލޭން 1200 އަކަފޫޓުގެ 250 ގޯއްޗެވެ. މާލޭގެ ރަށްވެހިންގެ ތެރެއިން އަމިއްލަ ތަނެއް ނެތް މީހުންނަށް 450 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި 150 ޔުނިޓް މާލެއިން ދޫކުރާއިރު 300 ޔުނިޓް ދޫކުރާނީ ހުޅުމާލޭން ކަމަށެވެ.

ކުލީ ގޮތުގައި މަހަކު 7000 ރ. އާއި ބާރަ ހާސް ރުފިޔާއާ ދެމެދުގެ ފައިސާގެ އަދަދު ކަނޑައަޅާފައިވާ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމްގައި ގޯއްޗާއި ފްލެޓް ދޫކުރާއިރު ސަބްސިޑީ ދިނުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.