މެޗުގެ ފުރަތަމަ ހާފުގައި ފަސް ލަނޑު އަދި ދެވަނަ ހާފުގައި ދެލަނޑު ޖަހައި 1-7 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ހޯދައިފި އެވެ.

ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފަައިވާ އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަމިއްލަ ފަސްގަނޑުގައި ބެލޯ ހޮރިޒެންޓޭގެ އެސްޓާޑިއޯ މިނެއިރާއޯގައި އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ޖަރުމަނު އަތުން މިރޭ ވެގެންދިޔަ ބައްޔަކީ ބްރެޒިލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެޓީމު އެންމެ ބޮޑު ބައްޔަކުން ބަލިވި މެޗެވެ. އަދި މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ނޮކްއައުޓް ސްޓޭޖްގައި ހަތް ލަނޑުގެ ބޮޑު ތަފާތަކުން ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ.

މެޗު ފެށުމުގެ ކުރިން ގިނަ ފަރާތްތަކަކުން ބްރެޒިލަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނީ އެޓީމުގެ ތަރި ނޭމާ ނެތުމުން ކަމަށް ލަފާކުރި ނަމަވެސް މެޗުގައި ބްރެޒިލްގެ ބަލިފަޔަކަށް ވެގެން ދިޔަތަން ފެނުނީ ޓީމުގެ ކެޕްޓަން އަދި ޑިފެންޑަރު ތިއާގޯ ސިލްވާ ނެތުމުންނެވެ. އެގޮތުން ޖަރުމަނުން ވަނީ، ފުރަތަމަ ހާފުގެ 30 މިނިޓްގެ ކުޅުން ނިމުނު އިރު ބްރެޒިލްގެ ޑިފެންސްލައިން ފޮތިފޮތިކޮށްލައި، އެޓީމު ކޮޅަށް ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

ބްރެޒިލުގެ 200 މިލިޔަން ރައްޔިތުންގެ އުންމީދުތަކާއެކު ޖަރުމަނު ބަލިކުރުމަށް ނުކުތް ޓީމު ކޮޅަށް ފުރަތަމަ ލަނޑު ޖަރުމަނުން ޖެހީ މެޗުގެ 11 ވަނަ މިނިޓްގައި އެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. އޭގެ 12 މިނިޓް ފަހުން ޖަރުމަނުގެ ދެވަނަ ލަނޑު އެޓީމަށް ޖަހައި ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކުރި ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯގެ 15 ލަނޑުގެ ރެކޯޑު މުގުރައިލީ ޖަރުމަނު ފޯވާޑް މިރޮސްލާވް ކްލޯސާއެވެ. މިއީ ކްލޯސާ ވޯލްޑް ކަޕްގައި މިހާތަނަށް ކާމިޔާބުކުރި 16 ވަނަ ލަނޑެވެ.

ޖަރުމަނުގެ ދެވަނަ ލަނޑު ޖެހިތާ މިނިޓެއް ފަހުން ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ފުޅާކޮށްދިނީ ޓޯނީ ކްރޫސްއެވެ. އަދި ކްރޫސް ވަނީ އޭގެ ދެ މިނިޓް ފަހުން އިތުރު ލަނޑެއް ޖަހައި ނަތީނާ 4-0 އަށް ބަދަލުކޮށްފައެވެ. އޭގެ ތިން މިނިޓްފަހުން ޖަރުމަނުގެ ފަސް ވަނަ ލަނޑު އެޓީމަށް ޖަހައި ދިނީ ސާމީ ކެދީރާއެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް ކޮޅަށް 1953ގެ ފަހުން ފަސް ލަނޑު ވަދެފައި ނުވާއިރު، އެފަހަރު ޕޮލެންޑް އަތުން ފަހަތުން އަރައި ބްރެޒިލް މޮޅުވީ 5-6 ލަނޑުންނެވެ. އެކަމަކު މިރޭގެ މެޗުގައި އެޓީމަށް ފަހަތުން އަރައި ސަލާމަތް ވެނޭނެ ކުޑަވެސް ފުރުސަތެއް ނުލިބުނެވެ.

ފަހުހާފުގައި ފެލިޕޭ ސްކޯލާރީގެ ޓީމަށް ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅު ކުރި ނަމަވެސް، ޔަކިމް ލޯ އޭނާގެ ޓީމަށް ކްލޯސާގެ ބަދަލުގައި ކުޅެން އެރުވި އަންދްރޭ ޝޫލާ ހުއްޓުވޭގޮތް ނުވުމުގެ ނަތީޖާއަކަށްވީ، މެޗުގެ 69 ވަނަ މިނިޓްގައި ލަނޑެއް އަދި 79 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް ޝޫލާ ޖަރުމަނަށް މެޗުގެ ނަތީޖާ 7-0 އަށް ބަދަލުކޮށް ދިނުމެވެ.

ެބްރެޒިލްގެ އެތަކެއް ހާސް ސަޕޯޓަރުންގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ފޮހެ ނުދެވުނު ނަމަވެސް، ބްރެޒިލް ޓީމަށް ސުން ކަނޑުވާލަ ދިނީ، ޝޫލާއާއެކު އިނގިރޭސިވިލާތުގެ ޗެލްސީއަށް ކުޅޭ މިޑްފީލްޑަރު އޮސްކާއެވެ. ބްރެޒިލްގެ ހަމަ އެކަނި ލަނޑު އޮސްކާ ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައެވެ.

ބެލޯ ހޮރިޒެންޓޭގެ ހިތްދަތި ބައްޔާއެކު ބްރެޒިލް ޓީމު ވެރިރަށް ބްރެސީލިއާއަށް ދަތުރުކުރާނީ، މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ވާދަކުރުމަށެވެ.

ބްރެޒިލް މައްޗަށް ހޯދި ތާރީހީ ކާމިޔާބާއެކު މަރަކާނާ ސްޓޭޑިއަމްގައި ކުޅޭ މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ޖަރުމަނު ވާދަކުރަން ޖެހޭނީ، މާދަމާރޭ ނެދަލެންޑްސްއާ އާޖެންޓީނާ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.