ޓީވީއެމާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވާލްޑް ކަޕް ދެއްކުން ހުއްޓާލުމަށް މީޑިއާނެޓަށް އެންގި އެންގުމާ އެއްގޮތަށް، އެއްވެސް ޝަރުތެއް ނެތި އަމަލުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑީއާނެޓަށް ތަކުރާރުކޮށް އަންގައިފި އެވެ.

މިކަމާ ގުޅިގެން، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ފޮނުވި ސިޓީގައި އެ ކުންފުނީގެ ލޯފާމުން ކޮމިޝަނަށް ފޮނުވި ސިޓީގައިވާ ކަންތައްތަކަށް ވަނީ ރައްދުދީފަ އެވެ.

ބްރޯޑުކާސްޓިން ކޮމިޝަންގެ ސިޓީގައި ބުނެފައި ވަނީ ޓީވީއެމާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވާލްޑްކަޕް ދެއްކުން ހުއްޓާލުމަށް އެ ކޮމިޝަނުން އަންގާފައިވާ އެންގުމަކީ ގާނޫނާއި ގާވާއިދާ އެއްގޮތަށް އަންގާފައިވާ އެންގުމެއް ކަމަށެވެ. އަދި އެއްވެސް ޝަރުތެެއް ނެތި އެ އެންގުމަށް އަމަލުކުރުމާ ތަކުރާރުކޮށް އަންގައި ވަނީ އަމުރުކޮށްފަ އެވެ.

"ވީމާ، އެއްވެސް ޝަރުތެއް ނެތި، މި އެންގުމާ އެއްގޮތަށް އަމަލުކުރުމަށް މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑަށް ތަކުރާރުކޮށް އަންގައި އަމުރުކުރަމެވެ." ބްރޯޑްކާސްޓިން ކޮމިޝަންގެ އެންގުމުގައި ވެއެވެ.