08 Jul 2014, 23:25
ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ބްރެޒިލްއާ ދެކޮޅަށް ޖަރުމަން ނުކުންނަ އިރު، މީގެ ކުރިން ބްރެޒިލްގެ ފަސްގަނޑުގައި ބްރެޒިލް އަތުން ޖަރުމަނު ކޮށްފައި ވަނީ ހިތި ތަޖުރިބާއެކެވެ. އަދި ހަމައެހެންމެ މުޅި ފުޓްބޯޅަ ތާރީހު ވެސް ބުރަވަނީ ބްރެޒިލް ކޮޅަށެވެ. އެހެންކަމުން ޖަރުމަނުން މިރޭ ބްރެޒިލްއާ ދެކޮޅަށް ނުކުންނަ އިރު، ތާރީހަށް ބަލައި އިސްކަން ދޭނެ ކަމަށް ބެލެވެ އެވެ.
ބްރެޒިލްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުމުގެ މާ ގިނަ ތަޖުރިބާއެއް ޖަރުމަނަށް ލިބިފައެއް ނުވެ އެވެ. ޖަރުމަނުން ބްރެޒިލްއާ ދެކޮޅަށް ބްރެޒިލްގެ ފަސްގަނޑުގައި ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެއީ 1992 ވަނަ އަހަރު ބްރެޒިލްގައި ކުޅުނު އެކުވެރިކަމުގެ މެޗެވެ. އެ މެޗުން ބްރެޒިލް އަތުން ޖަރުމަން ބަލިވީ 3-1 ލަނޑުންނެވެ.
ފުޓްބޯޅަ މައިދާނުގައި މިހާތަނަށް ބްރެޒިލް އާއި ޖަރުމަން ނުވަ ފަހަރަކު ވާދަކޮށްފައި ވެއެވެ. އެ މެޗުތަކުގެ ތެރެއިން ފަސް މެޗަކުން ބްރެޒިލް މޮޅުވެފައިވާ އިރު، ޖަރުމަން މޮޅުވީ ދެ މެޗުންނެވެ. އަދި ދެ މެޗު ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ. އެ މެޗުތަކުގެ ތެރެއިން 34 ލަނޑު ފެނިފައިވާ އިރު، އޭގެ ތެރެއިން 21 ލަނޑު ކާމިޔާބުކުރީ ބްރެޒިލް އެވެ. އަދި ޖަރުމަނަށް ކާމިޔާބުކުރެވިފައި ވަނީ 13 ލަނޑެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2011 ވަނަ އަހަރު ޖަރުމަނުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އަމިއްލަ ފަސްގަނޑުގައި ކުޅެ ޖަރުމަނު އެ މެޗު ކާމިޔާބުކުރީ 3-2 ލަނޑުންނެވެ. އެ މެޗުގެ ހުރިހާ ލަނޑެއް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ.
ޖަރުމަނަށް ލިބުނު ޕެނަލްޓީއަކުން އެ މެޗުގެ ލީޑު ބަސްޓިއަން ޝުވެންސްޓެއިގާ ނަގައިދިން އިރު، މާ ގިނައިރުތަކެއް ނުވެ، މާރިއޯ ގޮޓްޒާ ޖަރުމަނަށް ލީޑު ފުޅާކޮށްދިނެވެ. ބްރެޒިލްގެ ފުރަތަމަ ލަނޑު، ބްރެޒިލް އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮބީނިއޯ އެވެ. ނަމަވެސް ބްރެޒިލް ލަނޑު ކާމިޔާބުކުރިތާ ނުވަ މިނެޓް ތެރޭ އަންދުރޭ ޝޫލާ އަލުން ޖަރުމަނަށް ލީޑު ފުޅާކޮށްދިނެވެ. ބްރެޒިލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތު ކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ ނޭމާ އެވެ.
މި ދެޓީމު ވޯލްޑް ކަޕުގައި އެންމެ ފަހުން ވާދަކޮށްފައި ވަނީ ކޮރެއާ/ޖަޕާނުގައި ބޭއްވި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގަ އެވެ. އެ މުބާރާތުގައި މި ދެޓީމު ބައްދަލުކުރަން ޖެހުނީ ފައިނަލުގަ އެވެ. ޖަރުމަން ބަލިކޮށް ބްރެޒިލުން ޗެމްޕިއަންކަން ހޯދި އެ މެޗުގައި ބްރެޒިލްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ލެޖެންޑް ރޮނާލްޑޯ އެވެ. އެ ދެ ލަނޑު ވެސް ރޮނާލްޑޯ ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގެ ތެރޭގަ އެވެ. އޭރު ވެސް ބްރެޒިލް ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރީ މިހާރު ވެސް ބްރެޒިލްގެ ކޯޗުގެ ގޮތުގައި ހުރި ލުއިސް ފެލިއްޕޭ ސްކޮލާރީ އެވެ.
މިރޭ ކުޅޭ މެޗަށް ބްރެޒިލް ނުކުންނަ އިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބްރެޒިލްގެ ތަރި ނޭމާއަށް ލިބުނު ބޮޑު އަނިޔާ އެވެ. އުނަގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ނޭމާއަށް ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފައިވާ އިރު، ދެ ކާޑު ހަމަވުމުގެ ސަބަބުން ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ހުރީ ސަސްޕެންޝަނުގައެވެ.
މިއަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ދެ ޓީމަށް ވެސް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ނޮކް އައުޓް ރައުންޑްގެ ގަދަ 16ގައި ބްރެޒިލަށް ޗިލީ އަތުން ޕެނަލްޓީ ޖަހައިގެން އުނދަގޫ މޮޅެއް ލިބުނު އިރު، ޖަރުމަނަށް އެންމެ އުނދަގޫ މެޗަކަށް ވެގެންދިޔައީ ގަދަ 16ގައި އަލްޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ޖަރުމަނަށް މޮޅުވެވުނީ އިތުރު ވަގުތު ކުޅެގެންނެވެ.
ޖަރުމަނާއި ބްރެޒިލް ބައްދަލުކުރާ ސެމީ ފައިނަލު މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 1:00ގައެވެ. ތައްޔާރަށް އޮތްކަމަށް ބުނާ މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ ބްރެޒިލްގެ ބެލޯ ހޮރިޒޮންޓޭ ސިޓީގެ އެސްޓޭޑިއޯ މިނޭރާއޯގަ އެވެ.