މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ގއ. ދާންދޫއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދާންދޫ ފަޅުގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހިތަކަކާ އެކު ރޭ 12:30 އެހައިކަށްހާއިރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުން ތިބި ފަޅުގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ 79 ސެލޯފިން ކޮޅާއި އެއްކަރުސާ ކޮޅު ފެނިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ދާންދޫ ކޯޓުން ޖަހައިދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ދާންދޫ ޕޮލިސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.