08 Jul 2014, 21:51
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބަދުނާމު ވާގޮތަށް ރާއްޖެއާއި ރާއްޖޭން ބޭރުގައި ތަފާތު ވަސީލަތް ބޭނުންކޮށްގެން ޚަބަރުތައް ފަތުރައި އެފްއޭއެމްގެ ތަސައްވުރު ކިލަނބު ކުރަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުމަށް ރާއްޖެއިން ބޭރުން ލިބޭ ތަފާތު އެހީތައް ބީވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެއާއި ރާއްޖޭން ބޭރުގައި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އެ އިދާރާގެ ތަސައްވަރު ކިލަނބުވެގެންދާ ގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ގެންދާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.
"އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީއަށް ބޭރު ދުނިޔެއިން ލިބެން ހުރި ފުރުސަތުތަކަށް ހުރަސް އެޅި، އެފަދަ ބައެއް ޕްރޮޖެކްޓްތައް ބީވެގެން ދިއުމުގެ ބިރު އެބައޮތެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖެއާއި މި އިދާރާއާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި މި އިދާރާއަކީ ސިޔާސީ ނުފޫޒު ފޯރާފައިވާ އިދާރާއެއް ކަމަށް ބޭރުގެ ފަރާތްކަށް ދުށުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ." އެފްއޭއެމްގެ ނޫސްބަޔާނުގައި ވެއެވެ.
އެފްއޭއެމުން ބުނީ، އެ އިދާރާގައި އިތުރަށް އިސްލާހު ކުރަންޖެހޭ މައްސަލަތަކެއް ހުރި ކަމަށް ވާނަމަ، އެ ކަންތައްތަކެއް ސީދާ އެ އިދާރާއާ ހިއްސާކުރުމުގެ ފުރުސަތު ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުމަށް އެދޭ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވިފައި ވާ ކަމަށެވެ.
"... ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ކަންކަން ހައްލު ކުރުމުގެ ދޮރު އަބަދުވެސް މި އިދާރާއިން ވަނީ ހުޅުވާލާފަ އެވެ. އެފަދަ މަޝްވަރާތަކަށް ދިއުމުގެ ބަދަލުގައި ކަމުގެ އިންފަހަނަ އަޅައި ބޭރު ދުނިޔޭގައި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ބަދުނާމު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫނެވެ." އެ ބަޔާނުގައި ވެއެވެ.
އެފްއޭއެމުން ވަނީ، ވަކި ބޭނުންތަކެއްގައި ވަކި ކަހަލަ މަގުސަދު ތަކެއް ހާސިލް ކުރުމަށް ސިޔާސީ ފަރާތްތަކުންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން އެ އިދާރާގެ ތަސައްވަރު ކިލަނބުވެގެން ހިނގައިދާނެ އެއްވެސް އަމަލެއް ނުހިންގުމަށް ގޮވާލައިފައެވެ.