08 Jul 2014, 21:29
ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އިޓަލީގެ ޖޯޖިއޯ ކިއެލިނީގެ ކޮނޑުގައި ޔުރުގުއާއީގެ ލުއިސް ސުއަރޭޒް ދަތް އެޅި ހާދިސާ އިޓަލީގެ ކޯޓަކުން ބަލަން ފަށައިފި އެވެ.
ސުއަރޭޒާ ދެކޮޅަށް ދައުވާކުރުމަށް އެ މައްސަލަ ކޯޓަށް ވެއްދީ ކޮންސިއުމަރުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ އިޓަލީގެ "ދަ ކޮޑަކޮންސް" ޔޫނިއަނުންނެވެ.
ކިއެލިނީގެ ކޮނޑުގައި ދަތް އެޅުމުގެ ސަބަބުން ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާއިން ވެސް ވަނީ ސުއަރޭޒަށް ފިޔަވަޅު އަޅައިފަ އެވެ. ސުއަރޭޒަށް ބައިނަލްއަގްވާމީ ނުވަ މެޗެއް ނުކުޅެވޭ ގޮތަށް ނިންމައި، އޭނާއަށް ހަތަރު މަސްދުވަހު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް އެ އިދާރާއިން ވަނީ ނިންމައިފައެވެ.
"އަހަރެމެން މަޑުކޮށްލައިގެން މިތިބީ ކޯޓުން ނިންމާ ގޮތެއް ބެލުމަށް،" 'ސްޕޯޓް މީޑިއާސެޓް' އަށް ދިން އިންޓަވިއުއެއްގައި ކޮޑަކޮންސްގެ ރައީސް ކާލޯ ރިއެންޒީ ބުންޏެވެ. "ސުއަރޭޒް އެ ކުރީ ގާނޫނީ ކުށެއް ކަމަށް އަހަރެމެން ގަބޫލުކުރަން. މިހާރު ވީޑިއޯ އާއި ފޮޓޯގެ ހެކިތަކަށް ބަލައިފައި ކޯޓަށް ހުކުމެއް ކުރެވޭނެ."
ދަތް އެޅި މައްސަލައިގައި ފީފާ އިން ސުއަރޭޒްގެ މައްޗަށް ކުރި ހަތަރު މަހުގެ ސަސްޕެންޝަނުގައި އޭނާއަށް އެއްވެސް ސްޓޭޑިއަމަކަށް ވެސް ނުވަދެވޭނެ އެވެ. އަދި ޖޫރިމާނާގެ ގޮތުގައި 111853 ޑޮލަރު ދެއްކުމަށް ފީފާ އިން ވަނީ ސުއަރޭޒްގެ މައްޗަށް އަމުރުކޮށްފައެވެ.