'ސައިބަ-ފްރޯޑް' މައްސަލައެެއްގައި ކަމަށް ބުނެ ރާއްޖޭން އެމެރިކާގެ ސީކްރެޓް ސާވިސް އޭޖެންޓުން ހައްޔަރުކޮށްފައިވާ ރޯމަން ސެލަޒިނިޔޯފް، 30، 'ރަހީނުކޮށްފައި' ވަނީ، އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ)ގައި ކުރިން މަސައްކަތްކުރި އެނަލިސްޓެއް ކަމަށްވާ އެޑްވަޑް ސްނޯޑެންއާ ބަދަލުކުރުމަށް ކަމަށް ރޯމަންގެ ބައްޕަ އަދި ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ވެލަރީ ސެލެޒަނިޔޯފް ތުހުމަތު ކުރައްވައިފި އެވެ.


ރަޝިޔާގެ އާރްޓީ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރޯމަންގެ ބައްޕަ އެމްޕީ ވެލަރީ ވިދާޅުވީ، އެމެރިކާ އިން އޭނާގެ ދަރިފުޅު ގާނޫނާ ޚިލާފަށް ރަހީނުކޮށްފައި ވަނީ، 'ރަހުނު'ގެ ގޮތުގައި ކޮންމެވެސް މީހަކު ރަޝިޔާއިން ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ކަމަށެވެ.

"އަހަންނަށް ހަމަ ޔަގީން އެމީނުން މާދަމާ ރަހުނުގެ ގޮތުގައި ކޮންމެވެސް ކަމަކަށް އެދޭނެކަން. އެނޫނީ، [އެންއެސްއޭގެ ވިސްލްބްލޯވަރ އެޑްވަޑް] ސްނޯޑެން ނުވަތަ އެނޫން މީހެއްގެ ބަދަލުގައި ބަދަލުކުރުމަށް ވެސް މަސައްކަތް ކޮށްފާނެ،" ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ވިދާޅުވި އެވެ.

ރޯމަން ސެލަޒިނިޔޯފް ހައްޔަރުކޮށްފައި ވަނީ، މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން މޮސްކޯއަށް ދަތުރުކުރުމަށް ބޯޓަށް އަރަން ތައްޔާރުވެފައި ވަނިކޮށް ކަމަށާއި އޭނާ ހައްޔަރުކުރުމަށް ފަހު އެމެރިކާގެ ސީކްރެޓް ސާވިސް އޭޖެންޓުން ވަނީ، ޕްރައިވެޓް ޕްޓް ޕްލޭނަކަށް އެނާ ގަދަކަމުން އަރުވައިގެން ގުއާމްއަށް ގެންގޮސްފައި ކަމަށް އާރްޓީގައި ބުނެފައިވެ އެވެ.

ތުހުމަތު ކުރެވޭ މައްސަލައެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ހައްޔަރުކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް އެމެރިކާ އިން ހަނދާން ނައްތާލާފައިވާ ކަމަށް ބުނެ، ރޯމަން ހައްޔަރުކުރި މައްސަލަ ރަޝިޔާ ސަރުކާރުން ސިފަކޮށްފައި ވަނީ، އެއީ ވޮޝިންގްޓަނުން ރޯކުރި ނަފުރަތުގެ އާ ހުޅުގަނޑެއްގެ ގޮތުގަ އެވެ.

ރަޝިޔާގެ އެމްޕީ ވިދާޅުވި ގޮތުގައި އޭނާގެ ދަރިފުޅާ ބައްދަލުކުރުމަށާއި ގުޅޭނެ ގޮތެއް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ އިރު އެމެރިކާ އިން ވަނީ، ރޯމަންއަށް ލިބެން ޖެހޭ ހައްގުތަކެއް ވެސް ނިގުޅައިގަނެފަ އެވެ.

"އެމީހުން އޭނާ ގުއާމަށް ގެންދިޔައީ، އެތަނަކީ އެމެރިކާގެ ގާނޫނު ފުރިހަމައަށް ހިނގާނެތަނަކަށް ނުވާތީ،" ގާނޫހަދާ މަޖިލީހުގެ މެންބަރު ތަފްސީލުކޮށްދެއްވި އެވެ.

އެމެރިކާގެ ސީކްރެޓް ސާވިސް އިންނާއި އެގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ހޯމަ ދުވަހު ބުނެފައި ވަނީ، ރޯމަން ސެލަޒިނިޔޯފް ހައްޔަރުކޮށްފައި ވަނީ، އައިޑެންޓިޓީ ތެފްޓް، ބޭންކް ފްރައުޑް އަދި ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރުތަކަކަށް ގެއްލުން ދިނުމާއި ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރުތަކަކުން މައުލޫމާތު ނެގުމުގެ ތުހުމަތުގައި ކަމަށެވެ.

ރޯމަން ހައްޔަރުކޮށްފައިވަނީ، 2009 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު އެމެރިކާ ރައްޔިތުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތުން ވައްކަން ކޮށްފައި ވާތީ ކަމަށް އެމެރިކާއިން ބުނާއިރު، ވެލަރީ ސެލެޒަނިޔޯފް ވަނީ، އެމެރިކާގެ ސީކްރެޓް ސާވިސް އަކީ، ފައިސާގެ މުއާމަލާތްތަކާ ބެހޭ މައުލޫމާތުން ވައްކަންކުރާ ދުނިޔޭގެ އެންމެ ބޮޑު 'ޓްރެފިކަރ' ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެމެރިކާގެ ޖާސޫސީ ހަރަކާތްތަކާ ބެހޭ މައުލޫމާތުތަކެއް ހާމަކުރި ކަމުގެ ތުހުމަތުގައި އެގައުމުން ހޯދަމުންދާ އެޑްވަޑް ސްނޯޑެން ހުރީ ރަޝިޔާގެ ވަގުތީ ހިމާޔަތުގައެވެ.