10 Jan 2011, 11:05
ހއ. މުރައިދޫ ރަށު ކައުންސިލަށް ވާދަކުރާ ޑީއާރްޕީގެ ތިން ކެންޑިޑޭޓަކު ދިރިއުޅޭ ގެޔަށް ރޭ ދަންވަރު ކަޅުތެޔޮ ޖަހައިފި އެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ، ކަޅު ތެޔޮ ޖަހާފައި ވަނީ މުރައިދޫ ކައުންސިލަށް ވާދަކުރާ ޑީއާރްޕީގެ ފަސް ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ މުހައްމަދު ނާޝިދާއި އިބްރާހިމް ރަޝީދުގެ އިތުރުން އަބްދުﷲ ހުސެއިންގެ ގެޔަށް ކަމަށެވެ.
މުރައިދޫ ކަތީބު އަދި ކައުންސިލަށް ވާދަކުރާ ނާޝިދު މިއަދު ވިދާޅުވީ، އޭނާ ދިރިއުޅުއްވާ ގޭގެ އުތުރުފަރާތުގައި ހަދާފައި ހުންނަ ކޮޓަރީގެ ފާރަށް އެއްކޮށް ކަޅު ތެޔޮޖަހާފައިވާ ކަމަށާއި އެ ކޮޓަރި ތެރޭގައި ހުރި ބައެއް އެއްޗިއްސަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ.
މިއީ އޭނާ ދިރިއުޅުއްވާ ގެ އަށް ކަޅު ތެޔޮޖެހި ދެ ވަނަ ފަހަރު ކަމަށާއި ފުރަތަމަ ކަޅު ތެޔޮ ޖެހި ފަހަރު ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ރޭގެ ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެންޑިޑޭޓް ރަޝީދު ވިދާޅުވި ގޮތުގައި، އޭނާގެ ގެއަށް ކަޅު ތެޔޮ ޖެހިކަން އެނގުނީ އޭނާ ނިދާފައި އޮއްވައި ކޮއްކޮ ގުޅާފައި އެ ވާހަކަ ބުނުމުންނެވެ. އޭރު ގެއަށް ވަންނަން ހަދާފައި ހުރި މައި ދޮރާއްޓަށް ކަޅުތެޔޮ ޖެހުމަށް ފަހު ބަޔަކު ވަނީ ފިލައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކެންޑިޑޭޓުން ތެރޭގައި ހިމެނޭ އަބްދުﷲ ހުސެއިންގެ ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ބަހެއް ނުލިބުނެވެ.
ނަމަވެސް، އިންޓަވިއުދެއްވި ދެ ކެންޑިޑޭޓުން ވިދާޅުވީ، އެ އަމަލުގެ ފަހަތުގައި ވަނީ އެމްޑީޕީ ކަމަށެވެ. ތަފާތު ޕޯޑިއަމްތަކުގައި ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ނިސްބަތްކޮށް އެމީހުން ހަޑިހުތުރު ބަހުން އިންޒާރުދީ ހަދާފައިވާ ކަމަށް ވެސް އެ ކެންޑިޑޭޓުން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިންޓްސް ބިއުރޯ އިން ބުނީ، މުރައިދޫގައި ކެންޑިޑޭޓުންނާ މެދު އެފަދަ އަމަލެއް ހިންގިކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާ ކަމަށެވެ.